މީޑިއާގެ މިނިވަން ކަމަށާއި ނޫސްވެރިން ރައްކާތެރި ކޮށްދިނުމުގެ އަހުދެއްގައި ރާއްޖެއިން ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިނގިރޭސިވިލާތުގައި އިއްޔެ ފެށި، މީޑިއާގެ މިނިވަންކަމާބެހޭ ބައިނަލްއަގުވާމީ މަހާސިންތާގެ ހަވާސާގައި އެ އަހުދުނާމާގައި ރާއްޖެ ފަރާތުުން ސޮއި ކުރެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ކަމަށެވެ.

މި އަހުދުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ނައްތާލުމަށްޓަކައި އދ އާއި އެހެން ޖަމާއަތްތަކަށް އެއްބާރުލުން ދިނުމަށާއި މީޑިއާތަކުގެ މިނިވަންކަން ވަރުގަދ ކުރުމަށް ސަރުކާރުން ފިޔަވަޅު އަޅައި މަސައްކަތް ކުރުން ހިމެނެއެވެ.

އަދި މީޑިއާގެ މިނިވަންކަމަށް ހުރަސް އަޅާ ނޫސްވެރިންނަށް ދިމާވާ ނުރައްކާތެރި ކަންތައްތައް ހާމަކޮށް، ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން އެފަދަ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރުން ވެސް މި އަހުދުނާމާގައި ހިމެނެއެވެ.