ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނެވުމާއި ގުޅިގެން، އެކަމުގެ އުފާ ފާޅުކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބާއްވަވާ ޖަލްސާގައި ބައިވެރި ނުވާނެ ކަމަށް ޕީޕިއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމާއި ގުޅިވަޑައިގަންނަވާނެކަމުގެ ވާހަކަތެއް ދައްކަވާފައިވާތީ އުމަރު ބާއްވާ ޖަލްސާގައި ޕީޕީއެމްގެ ސްޓޭންޑް ހާމަކުރައްވަމުންނެވެ. ޝަކީލް ވިދާޅުވީ ލުތުފީ ރާއްޖެ އަނބުރާ ގެނައުމަކީ އުފާ ފާޅުކުރަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި ޕީޕީއެމުން މަސައްކަތް ކުރާނީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ކަމަށާއި، އެކަން ކުރުމުގައި ޕީޕީއެމުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
އުމަރު ނަސީރު ބާއްވަވާ ޖަލްސާއަކީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ލުތުފީ ހުރިކަން ފަޅާއަރުވާލައި ސަކުރާރަށް ޕްރެޝާ ބޮޑުވެ ލުތުފީ އަނބުރާ ޖަލަށް ގެނައުމަށް ސަރުކާރަށް މަޖުބޫރުވި މަސައްކަތުގެ ކާމިޔާބީ ފާހަގަ ކުރުމަށް ބާއްވާ ޖަލްސާއެކެވެ.
"ލުތުފީ ޖަލަށް - މަގޭ މިނިވަން ގައުމު" ގެ ނަމުގައި އުމަރު ބާއްވަވާ ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ވަނީ އޭނާ އަށް ދޫކޮށްފައެވެ.
އަދި ޖަލްސާ ބޭއްވުމުގެ ހުއްދަ ދެމުން ޕްލޭނިން މިނިސްޓްރީން އުމަރަށް ފޮނުވި ސީޓީގައި ބުނެފައިވަނީ އެ ހަރަކާތް ކުރިއަށް ގެންދާ ވަގުތު އެއްވެސް ހަމަނުޖެހުމެއް ނުވަތަ ގާނޫނާ ހިލާފު އެއްވެސް ހަމަލެއް ނުހިންގުމަށާ ހަމަނުޖެހުމެއްގައި ލިބޭ ގެއްލުމުގެ ޒިންމާ އުމަރު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
އަދި ހަރަކާތް ނިމުމުން، ކާނިވާ ސަރަހައްދު ސާފުކޮށްފައި ބޭއްވުމަށް ވެސް ޕްލޭނިން މިނިސްޓްރީން ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.