އިންތިހާއަށް ގޮސްފައިވާ ފަގީރުކަމުގައި ބޮޑުވަމުން އައި ދުވަސްވަރުވެސް އެކަމަށް އިންތިހާއަށް ނަފުރަތުކުރި އެކަކީ ތިއޯފިލް ބަރޯއީއެވެ. މިހާރު އުމުރުން 34 ފުރިފައިވާ ބަރޯއީއަކީ ބަންގްލަދޭޝްގެ މެދުތެރޭ ހިސާބުތަކުން ކުޑަކޮށް ދެކުނަށް ޖެހިލައިރު އޮންނަ ގޯޕާލްގަންޖު އަވަށުގެ ފަގީރު ދެމަފިރިއަކަށް ލިބުނު 8 ކުދިންގެ ތެރެއިން 4 ވަނަ ދަރިފުޅެވެ.

އަވަށުގެ އެހެން އަވަށްޓެރިންނެކޭ އެއް ފަދައިން މި 8 ކުދިންނަށް ތައުލީމު ދީ، 3 އިރުގެ ކޮއްތޮ ހަމަޖައްސާ ދިނުމަށް ބަރޯއީގެ މައިންބަފައިން އޮތީ ނުކެޅިދިފައެވެ. މާ ސިނގާ ދަނޑުބިމެއް ހައްދާނެ ބިންކޮޅެއް ނެތުމުނ ބަރޯއީގެ މައިންބަފައިން އާމްދަނީ ހޯދަމުންދިޔައީ އެހެން މީހުންގެ ދަނޑުބިންތަކުގައި އެހީތެރިވެދީގެންނެވެ. އެވަރުންވެސް ޚަރަދުތައް ދެކޮޅުޖެހޭ ގޮތް ނުވެގެން ގުރޭޑް 10 އެއްވެސް ނުނިމެނީސް ސްކޫލުން ވަކިވުމަށް ބަރޯއީއަށް މަޖުބޫރުވިއެވެ.

ބަރޯއީ ކިޔައިދިން ގޮތުގައި ބަނޑުފުރާ މުއްތިކުރެވޭނެ ގޮތެއް ނެތްއިރު، ތައުލީމަކީ ހޯދޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން އޭނާއާއިއެކު އެއާއިލާގައި ދެން ތިބި ޖުމުލަ 5 ފިރިހެން ކުދިންނަށް މަޖުބޫރުވީ ލޭބަރުންގެ ގޮތުގައި "އަޅު" މަސައްކަތަށް ނިކުތުމަށެވެ. އެއީ އެ އާއިލާގައި ތިބި 3 އަންހެން ކުދިންގެ ތައުލީމަށް ޚަރަދުކުރާނެ ފައިސާ ހޯދުމަށެވެ.

މިހެން އުޅެމުންގޮސް ބަރޯއީގައި އަތުގައި "ނަސީބު" ހިފިކަމުގެ އުފާވެރި އިހުސާސެއް އޭނާއަށް ކުރެވުނީ މިދިޔަ އަހަރުއެވެ. މީހަކު އޭނާއަށް ހުށަހެޅީ ސޫރިޔާގައި ބަގީޗާ ބަލަހައްޓާ މީހެއްގެ ވަޒީފާއެވެ. މަހެއްގެ މައްޗަށް 948 ޑޮލަރު ލިބޭނެ ކަމަށް އެމީހާ ބުނުމާއެކު، ބަރޯއީގެ އާއިލާއަށް އުޖާލާ މުސްތަގުބަލެއް ލިބުނީ ކަމުގައި އޭނާ ޔަގީންކުރިއެވެ. ބަރޯއީއަށް ކުރަންޖެހިފައި އޮތް ހަމައެކަނި ޚަރަދަކަށްވީ ޓިކެޓް ފައިސާއާއި ވިސާ ފީ ހަމަޖެއްސުމެވެ.

މި ޑީލްއަކީ އޭނާގެ މައިންބަފައިން ގަބޫލުވި ޑީލެއް ނޫނެވެ. ނަމަވެސް އެތައް ދުވަހެއްގެ މަސައްކަތުން އޭނާގެ މައިންބަފައިންގެ ރުހުން ހޯދިއެވެ.

ޓިކެޓާ ވިސާއަށް ބޭނުންވާ ފައިސާ ހަމަކުރުމަށްޓަކައި ބަރޯއީ ދެން ކުރީ އެންމެ ހިތްދަތި ކަންތަކެވެ. އޭނާގެ މައިންބަފައިންގެ އަތުގައި އޮތް ހަމައެކަނި ބިންކޮޅު ވިއްކާލީއެވެ. އެވަރުންވެސް އެ ބޭނުންވާ ވަރަށް ފައިސާ ނުލިބިގެން ބޮޑު ލޯނެއްވެސް ނެގީއެވެ. ވިސާ ހޯދުމަށްފަހު "ރެކްރޫޓިންގް އޭޖެންޓް" ބުނި އަދަދަށް އޭނާއަށް ފައިސާ ދިނެވެ.

އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހެވެ. ބަރޯއީ ދަތުރުކުރަމުންދިޔަ މަތިންދާބޯޓު ސޫރިޔާގައި ޖެއްސިއެވެ. ބަރޯއީއަށް ހަގީގަތް އެނގުނީ ދެނެވެ. އެނާ ސޫރިޔާއަށް ގެންދިޔައީ ބަގީޗާ ބަލަހައްޓަން ނޫންކަމާ، އޭނާއަކީ އިންސަނީ ވަގުފާރީގެ ޝިކާރައެއްކަން ރެޔަކާލީ ދެނެވެ.

ފުރަތަމަ 2 މަސްދުވަހު ބަރޯއީއާއި މަސައްކަތެއް ހަވާލެއް ނުކުރެއެވެ. އޭނާގެ ވެރިން، އޭނާ ގެންގޮސް އެއްލާލީ އެފަދަ ވިއްސަކަށް މީހުން ތިބި ކޮޓަރިގަނޑަކަށް ކަމަށް ބަރޯއީ ބުނެއެވެ. އެތާނގައި ގިނައީވެސް ބަންގާޅުންނެވެ. ދެން އިންޑިއާ ބަޔަކުވެސް ތިބިކަމަށް ބަރޯއީ ބުނެއެވެ. އެ ކޮޓަރިގަނޑު ހުންނަ އިމާރާތުން ބޭރަށް ނިކުމެ އުޅުންވެސް އެމީހުންނަށް މަނަލެވެ. ކާންދެނީ ދުވާލަކު 2 ފަހަރުއެވެ. އެވެސް ކިރިއާ ބަނޑަށް އެނގުން ވެލާ ވަރަށެވެ.

ދެމަސްދުވަސް ފަހެވެ. ބަރޯއީ ގެންދެވުނީ ހަނގުރާމަ ގަދަވެފައިވާ ސޫރިޔާގައި ކޮންސްޓަރަކްޝަން މަސައްކަތްކުރާ ތަނަކަށެވެ. އެއީ އޭނާ ކޮށް އުޅުނު މަސައްކަތެއް ނޫނެވެ. ޖިސްމާނީ ގޮތުން އޭނާގެ ހަށިގަނޑުވެސް އެކަމަށް ދެކޮޅު ހެދިއެވެ. ދެފައި މައްޗަށް ކޮޅަށް ނުތެދެވުނުތާ، އޭނާގެ ވެރިން ބޭސްފަރުވާއެއްވެސް ކޮށް ނުދޭކަމަށް ބަރޯއީ ބުނެއެވެ.

ގާ އެޅުމުގެ މަސައްކަތުގައި ބަންގްލަދޭޝްގެ ރައްޔިތުންތަކެއް ހަރަކާތްތެރިވަނީ/ފައިލް ފޮޓޯ: އެލެނޯ މޯސްމަން

އިތުރަށް ފައިސާ ހޯދައިފިނަމަ އިޓަލީވިލާތަށް ބަދަލުކޮށްދޭނެކަމުގެ ޚަބަރު ބަރޯއީއަށް ލިބުނެވެ. ނަމަވެސް އޭރު ބަރޯއީ އެހެން މީހަކަށް އިތުބާރެއް ނުކުރެއެވެ. އެހެންކަމުން އެ ޑީލްގައި ހިފާކަށް އޭނާ ބޭނުމެއް ނުވިއެވެ. ދެން ކުރިމަތިވީ އަދި މާ ނުތަނަވަސް ގޮތެވެ. ދެން ޖެހުނީ ސަލާމަތުން ރަށަށް ދާން ބޭނުން ނަމަ އިތުރަށް ފައިސާ ދައްކާށެވެ. ނުވަތަ ބަރޯއީއަށް އޮތީ ސޫރިޔާގައި މަރުވުމެވެ.

އާއިލާއިން އެ ފައިސާ އެއްކުރިއެވެ. އެތައް ހާހަކުން ދަރާ ވިކިގެންނެވެ. ބަރޯއީ ސަލާމަތުން ފަސްގަނޑަށް ގެނައުމަށެވެ. ބަރޯއީ މިއަދު ހުރީ އޭނާގެ އާއިލާގެ ގާތުގައެވެ. އެކަމަކު މުޅި އާއިލާ ވަނީ ދަރާފައެވެ. ބަރޯއީގެ ހަށިގަނޑުގައި މަސައްކަތްކުރާނެ ވަރެއް ނެތެވެ. ރޫހެއްވެސް ނެތެވެ. އަނެއްކާވެސް އިހުނަށްވުރެ އިންތިހާ ފަގީރުކަމުގައި، ހިތްދަތި ދުވަސްތަކެއް ވޭތުކުރުމަށް ބަރޯއިއާއި އޭނާގެ އާއިލާއަށް މަޖުބޫރުވީއެވެ.