ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނަށް ހާއްސަކޮށްގެން މިޔަންމާގެ ރާހީން ސްޓޭޓްގައި އިންޑިއާއިން ތަރައްގީ ކުރި 250 ހައުސިންގް ޔުނިޓްތައް، ކަމާ ބެހޭ ފަރާތްތަކަށް ހަދިޔާކޮށްފިއެވެ.

މިޔަންމާގެ އަސްކަރިއްޔާއާއި ފުލުހުން 2017 ވަނަ އަހަރު ހިންގި ލާއިންސާނީ ޖަރީމާތަކާ "ގަތުލުއާންމުން" ސަލާމަތްވުމަށް ރޯހިންޏާ ދަރިކޮޅުގެ އެތައް ސަތޭކަ ހާސް މުސްލިމުންނެއް ވަނީ ރެފިއުޖީންގެ ގޮތުގައި މިޔަންމާ ދޫކޮށްލާފައެވެ. އެނބުރި ގައުމަށް ހިނގައްޖެއްނަމަ އަނެއްކާވެސް އެފަދަ ނާމާންކަމެއް ކުރިމަތިވެދާނެ ކަމުގެ ބިރައްޓަކައި ގިނަ ބަޔަކު އަދިވެސް ދިރިއުޅެމުންދަނީ، ބަންގްލަދޭޝްގައި ތޮއްޖެހި ފިތިބާރުވެފައިވާ ރެފިއުޖީ އަވަށްގަނޑުގައެވެ.

އިންޑިއާއިން ހަދިޔާކުރި ހައުސިންގް ޔުނިޓްތަކަކީ ރޯހިންޏާ ރެފިއުޖީން އަނބުރާ ގައުމަށް ގެންދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރެވުނު ހަދިޔާއެއް ކަމަށް އިންޑިއާއިން ބުނެއެވެ. މީގެ އިތުރުން އިންޑިއާއިންވަނީ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންގެ ތަރައްގީއާއި ގުޅުން ހުރި ކަންކަމަށް 25 މިލިއަން ޑޮލަރު ހަރަދުކުރާނެ ކަމަށް ބުނެފައެވެ.

ކަންމިހެން އޮތް ނަމަވެސް، އެކްޓިވިސްޓުން ބުނާ ގޮތުގައި ރޯހިންޏާ ރެފިއުޖީންގެ މައްސަލައަށް އަދި ހައްލެއް ނުލިބެއެވެ. ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިންސާނީ ހައްގުތަކާ ގުޅުންހުރި މައްސަލަތަކަށް ރިއާޔަތްނުކޮށް މިމައްސަލަ ހައްލުކުރެވޭކަށް ނެތެވެ.

އިންޑިއާގެ އޮފިޝަލަކު ވިދާޅުވީ ރާހީން ސްޓޭޓްގައި އިތިރު 21 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް މިޔަންމާގެ ކަމާ ބެހޭ ފަރާތްތަކުން އިންޑިއާއަށް ފުރުސަތު ދީފައިވާކަމަށެވެ.

އެއް ގޮތަށްވުރެ ގިނަ ގޮތުން އިންޑިއާގެ ވާދަވެރި ހަތުރެއްގެ ގޮތުގައި އޮންނަ ޗައިނާއިން އޭޝިއާގެ ގައުމުތަކަށް ތަރައްގީ ގެނެސްދިނުމުގެ ނަމުގައި އަތްގަދަ ކުރަމުންދާއިރު، މިފަހަކަށް އައިސް އިންޑިއާއިން ދަނީ މިޔަންމާއާއި ގާތް ގުޅުންތަކެއް ބަދަހިކުރަމުންނެވެ.