އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގެ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ސަސްޕެންޑްކޮށްފައި އޮތުމަށްފަހު ސްރީލަންކާގެ އޮން އަރައިވަލް ވިސާ ސްކީމްއާއި ފްރީ ވިސާ ސްކީމަށް އަމަލުކުރަން ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

މި 2 ސްކީމްގެ ދަށުން 39 ގައުމެއްގެ ރައްޔިތުންނަށް، ސްރީލަންކާއަށް ދަތުރުކުރުމުގައި ލުއި ފަސޭހަކަން ލިބިގެންދާނެއެވެ.

އަންނަ އޯގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި 2 ސްކީމަށް އަމަލުކުރަން ފަށާނެ ކަމަށް ޚަބަރު ލިބެއެވެ. މި ސްކީމް ތަންފީޒުކުރުމަށް ކުރިން ހަމަޖެހިފައި އޮތީ މެއި މަހުގެ 1 ވަނަ ދުވަހު ނަމަވެސް، މިކަން މަޑުޖައްސާލާފައި އޮތީ ބޮމުގެ ހަމަލާތަކާ ގުޅިގެންނެވެ.

ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތަރައްގީއާއި ބެހޭ ވަޒީރު ޖޯން އަމާރަތުންގާ ވިދާޅުވީ، މި 2 ސްކީމްވެސް ތަންފީޒުކުރަމުންދާނީ ވަގުތީ މަޝްރޫއެއްގެ ގޮތުގައި 6 މަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

މި 2 ސްކީމްގައި ޗައިނާއާއި އިންޑިއާ މިވަގުތު ހިމަނާފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކަން ހިނގާ ދާ ގޮތަށް ބަލާ، މި ސްކީމްތަކުގައި އެ ގައުމުތައްވެސް ބައިވެރިކުރުން އެކަށީގެންވާކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ބޭރު ގައުމުތަކުގެ ތެރެއިން ދިވެހިން އެންމެ ގިނަ އަދަދަކަށް ދިރިއުޅެމުންދަނީ ސްރީލަންކާގައެވެ. އަދި ދިވެހިންގެ މެދުގައި ފަތުރުވެރިކަމަށް އެންމެ މަގުބޫލު އެއް މަންޒިލަކީވެސް ސްރީލަންކާ ކަމަށްވާއިރު، ދިވެހިރާއްޖެ ހިމެނެނީ ފްރީ ވިސާ ކެޓަގަރީގައެވެ. ދެގައުމުގެ މެދުގައި އޮންނަ ވިސްނުމެއްގެ ދަށުން 30 ދުވަހުގެ ވިސާ ހިލޭ ހަމަޖެހިގެންދާއިރު، މި މުއްދަތު 150 ދުވަހަށް އިތުރު ކުރުމުގެ ފުރުސަތު އޮވެއެވެ.