ދިވެހިރާއްޖޭގެ ޒުވާނުންގެ ދުޅަހެޔޮކަމާއި ކުރިއެރުމަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ، ޔޫތު ވަލްނަރަބިލިޓީ އެސެސްމަންޓް، އިފްތިތާހުކޮށްފިއެވެ.

ޔޫތު ވަލްނަރަބިލިޓީ އެސެސްމަންޓަކީ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އަދި، ޔޫއެންޑީޕީ މޯލްޑިވްސުން ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީއާއެކު، ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓެކެވެ. މި ރިޕޯޓް އިފްތިތާހު ކޮށްދެއްވީ، ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ހެނދުނު އޮތް ޙަފްލާއެއްގައި، މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދެވެ.

2018 ނޮވެމްބަރުން 2019 ފެބްރުއަރީއަށް ކުރި މި ދިރާސާގެ މަގްސަދަކީ ރާއްޖޭގެ ޒުވާނުން ހައްދުފަހަނައަޅައި ދިޔުމަށް ހުށަހެޅޭ ސަބަބުތައް ދެނެގަތުމެވެ. މި ދިރާސާއިން ދައްކާގޮތުގައި ހައްދުފަހަނައަޅާފައިވާ ފިކުރަށް ހެއްލި އަނިޔާވެރިކަމަށް ގިނަ ޒުވާނުން އަރައިގަންނަ ސަބަބަކީ މުޖުތަމައުން ބާކީކޮށް އެކަހެރިކޮށްލެވޭތީ އާއި ޒުވާނުންނަށް ހުރި ފުރުސަތުތައް މަދުވުމެވެ. މިހެން މެދުވެރިވަނީ ކޮރަޕްޝަން، ތައުލީމާއި ގުޅޭ މައްސަލަތައް، މަސްތުވާތަކެތި، ވަޒީފާ ނުލިބުން، ގެދޮރުވެރިކަން ދަތިވުން، ގޭންގް މާރާމާރި، އަދި ވަޔަލަންޓް އެކްސްޓްރީމިޒަމް ފަދަ ކަންތައްތަކާއި ގުޅިގެން ކަމަށް ބައިވެރިން ފާހަގަކުރިއެވެ.

މި ހަފްލާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ވިދާޅުވީ މިއީ އެންމެނަށް ލިބިފައިވާ ރަނުގެ ފުރުސަތެއްކަމަށެވެ. އަދި އެކަހެރިވެފައި ތިބޭ ޒުވާނުން މުޖުތަމައަށް އަނބުރާ ގެނެސް ބާރުވެރިކުރުމާ ޒިންމާދާރު ބަޔަކަށް ހެދުމަށް މި ދިރާސާގައި ހުށަހަޅާފައިވާ ޕޮލިސީ ގައިޑްލައިންސް ތަކަކީ ސަރުކާރުގެ ހުރިހާ އިދާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް އަދި ވަކި ފަރުދުންވެސް ބަލަންޖެހޭ ކަންތައްތަކެއްކަމަށެވެ.

"ޔޫތު ވަލްނަރަބިލިޓީ އެސެސްމަންޓް" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ ވާހަކަދައްކަވަނީ / ފޮޓޯ: އެމްއެންޑީއެފް

މިހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިއާ ވިދާޅުވީ، ގޭންގު މާރާމާރީއާއި ވަޒީފާ ނެތުމާއި މަސްތުވާތަކެތީގެ ވަބާ ފަދަ، ރާއްޖޭގެ ޒުވާނުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ސިޔާސަތު ކަނޑައަޅާއިރު، މިފަދަ ދިރާސާތަކުގެ ބޭނުން، ކަމާބެހޭފަރާތްތަކުން ހިއްޕަވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ޒުވާނުންނަކީ އެމީހުން އިހްތިޔާރުކުރާ ކޮންމެ ދާއިރާއަކުންވެސް، ހާސިލްކުރެވެން އޮތް އެންމެ މަތީ ފަންތިއަށް ވާސިލްވުމުގެ ގާބިލްކަން ލިބިފައިވާ ބައެއް ކަމަށާއި މުޖްތަމައުގައި ހުރި މައްސަލަތަކުން އަރައިގަނެވޭނެ އަލިމަގެއް ފެންނާނެކަމުގެ އުންމީދު އޮތްކަމަށް ޒުވާނުން ގަބޫލުކުރާކަން ދިރާސާއިން ހާމަވާތީ، އެކަމާ އުފާކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ދިރާސާއިން ހޯދިފައިވާ ހޯދުންތައް ކަމާބެހޭފަރާތްތަކުން ހިފާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު މާރިއާ ވިދާޅުވެފައިވާއިރު، އެންސީޓީސީ އަދި ޔޫއެންޑީޕީ ގުޅިގެން ތައްޔާރު ކުރާ ނޭޝަނަލް އެކްޝަން ޕްލޭން އެކުލަވާލުމުގައި މި ދިރާސާގެ ބޭނުން ކުރާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައި، ޔޫއެންޑީޕީއިން ރާއްޖެއަށް ކަންޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓެ ރެޕްޒެޓެންޓިވް އަކީކޯ ފުޖީ އަދި އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ. މީގެ އިތުރުން، މި ހަފްލާފައި، އެންސީޓީސީގެ ސްޓްއަރިން ކޮމިޓީ، ކައުންޓަ ރެޑިކަލައިޒޭޝަން ކޮމިޓީ، އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ އެންޖީއޯތަކުން ވެސް ބައިވެރިވިއެވެ.