ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިން ކަން މޯލްޑިވްސް މަނިޓްރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއަހަރު ޖެނުއަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ޗައިނާގެ 116282 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ އަހަރު ވެސް ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކޮށްފައި ވަނީ ޗައިނާ ފަތުރުވެރިންނެވެ. އެގޮތުން މިދިޔަ އަހަރު ޖުމްލަ 283116 ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، މީގެ ތެރެއިން 104559 މީހުން ޒިޔާރަތްކޮށްފައި ވަނީ ޖެނުއަރީ މަހާއި، މޭ މަހާއި ދެމެދުގެ މުއްދަތެއްގައެވެ.

2013 ވަނައަހަރުން ފެށިގެން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާއެވެ. އެގޮތުން، ފާއިތުވި ހަ އަހަރު އެންމެ ޗައިނާއިން އެންމެ މަދުން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރީ މިދިޔަ އަހަރެވެ. ފާއިތުވި ހަ އަހަރުގެ 2018 ފިޔަވާ ކޮންމެ އަހަރަކު ތިން ލައްކަ ފަތުރުވެރިން ރާއްޖެ އަންނައިރު، މިދިޔަ އަހަރު އައިސްފައިވަނީ 280،000 ފަތުރުވެރިންނެވެ.

މިދިޔަ ހަ އަހަރު ޗައިނާއިން ރާއްޖެއައި ފަތުރުވެރިން:

  • 2013 - 331،719
  • 2014 - 363،626
  • 2015 - 359،514
  • 2016 - 324،326
  • 2017 - 306،530
  • 2018 - 283،116

މިއަހަރު ޖެނުއަރީ މަހާއި، މޭ މަހާއި ދެމެދު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޗައިނާއިން އައިސްފައިވާއިރު، ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިޓަލީ އިންނެވެ. އެގޮތުން އިޓަލީން 71000 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިދިޔަ އަހަރު މި މުއްދަތުގައި އިޓަލީން ރާއްޖެ އައީ 53000 ފަތުރުވެރިންނެވެ.

މި އަހަރު ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އިންނާއި، ޖާމަނީ އިންނެވެ. އެގޮތުން މި އަހަރު އިންޑިއާއިން 66000 ފަތުރުވެރިން އައިސްފައިވާއިރު ޖާމަނީން އައިސްފައިވަނީ 62000 ފަތުރުވެރިންނެވެ. މިދިޔަ އަހަރު މި މުއްދަތަކަށް ބަލާއިރު އިންޑިއާ އިން ރާއްޖެއަށް ޒިޔާރަތްކުރީ 33000 ފަތުރުވެރިންނެވެ. އަދި ޖާމަނީން ޒިޔާރަތްކުރީ 52000 ފަތުރުވެރިންނެވެ.