ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި މަރުވި މީހާގެ ބޮލަށް ވެއްޓުނީ ބައިވަރު ސިމިންތި ބަސްތާތައް އަޅާފައި ހުރި ބޮޑު ޖަމްބޯ ބޭގެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މަރުވި މީހާގެ ބޮލަށް ވެއްޓުނީ ސިމިންތި ބަސްތާއެއް ކަމަށް ބުނެވުނީ ކުށަކުން ކަމަށާއި، އޭނާގެ ބޮލަށް ވެއްޓުނީ، ޖަމްބޯ ބޭގަކަށް އަޅާފައި ހުރި ބައިވަރު ސިމިންތި ބަސްތާ ކަމަށެވެ. އެގޮތުން، މި ހާދިސާ ހިނގީ، ސިމިންތި ބަސްތާތައް ޑަބަލްކޮށް ޖަހާފައި ހުރި ޖަމްބޯ ބޭގްތަކެއްގެ ތެރެއިން އެންމެ މަތީގައި އޮތް ބޭގުން ސިމިންތި ބަސްތާއެއް ނަގަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެއެވެ.
އިއްޔެ މަރުވި މީހާ މަރުވީ، ޖަމްބޯ ބޭގްތަކެއްގެ ތެރެއިން އެންމެ މަތީގައި އޮތް ބޭގުން ސިމިންތި ބަސްތާއެއް ނަގަން އުޅުމުގެ ތެރޭގައި، އެ ބޭގުގެ ތެރޭގައި ހުރި ސިމިންތި ބަސްތާތަކާއެކު އެ ބޭގު އޭނާގެ ބޮލަށް ވެއްޓުމުގެ ސަބަބުން ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ހާސިދާގައި، އެ އިމާރާތުގައި މަސައްކަތް ކުރަމުން ދިޔަ 24 އަހަރުގެ ބަންގުލަދޭޝް ފިރިހެނެކަށް އަނިޔާވުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންގޮފްވާކަމަށް ފުލުހުން މައުލޫމާތުދޭއިރު، ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ތަހުގީގު ކުރަމުންނެވެ.
މި އިމާރާތަކީ މީގެ ހަތަރުވަރަކަށް ދުވަސް ކުރިން އެ އިމާރާތުގައި ބޭނުން ކުރި ލިފްޓް ކަނޑައިގެން ވެއްޓުމުގެ ސަބަބުން ބިދޭސީއަކަށް އަނިޔާވި އިމާރާތެވެ. ފުލުހުން އެއިރު ބުނެފައިވަނީ ޖާ އިންވެސްޓްމަންޓް އިން ހުޅުމާލޭ ސެންޓްރަލް ޕާކު ދެކުނު ފަރާތުގައި ހަދަމުން ދާ އިމާރާތެއްގައި ބޭނުން ކުރަމުން ދިޔަ ލިފްޓް ވެއްޓިފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގީ، ހަތް ވަނަ ފަންގިފިލާ އިން އެއްޗެހި ތަކެއް ބާލަން އުޅުމުގެ ތެރޭގައި ލިފްޓުގެ ކޭބަލް ކަނޑައިގެން ގޮސްގެން ކަމަށް ފުލުހުން ބުނެއެވެ.