ރަހުމް ކުޑަ ގޮތަކަށް މަރާލައިފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފިއެވެ.

މި މައްސަލައިގައި ބާއްވަން ތާވަލު ކުރި އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 1:30 ގައެވެ. ޔާމީންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ހަތް މީހެއްގެ މައްޗަށް ކަމަށް ވީ ނަމަވެސް ޝަރީއަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހަ މީހެއްގެ މައްޗަށެވެ.

ޔާމީންގެ މައްސަލާގައި ޝަރީއަތަށް ހާޒިރުކުރުމަށް ނިންމާފައިވާ މީހުންގެ ތެރޭގައި، މ. ތާއިފް އިސްމާއިލް ރަޝީދު، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު، މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއިލް އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ އިތުރުން މ. ކުދެހި ހަސަން ޝިފާޒު ހިމެނެއެވެ. މި ހަ މީހުންގެ ތެރެއިން ހައިޝަމާއި ޒިހާން އަކީ ޔާމީން މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޔާމީން މަރާލުމުގައި ބައިވެރިވި މީހުންގެ ތެރެއިން ޝަރީއަތް ކުރިއަށް ގެންދާ ހަ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. ދެން މި މައްސަލާގައި ޝާމިލްވާ މީހާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

ފުލުހުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވާ ގޮތުގައި، ޔާމީންގެ މަރަކީ ސިޔާސީ ކަމަކާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެއީ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ބައެއް ކަމަށް ގަބޫލުކުރެވޭ ބަޔަކު ކުރި ކަމެއް ކަމަށެވެ. އަދި ޔާމީންގެ މަރުގެ ތަހުގީގަށް ހަތަރު ގައުމެެއްގެ އެހީތެރިކަން ހޯދި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓޫލާ، ސިޑި ކައިރިން 2017 ވަނަ އަހަރު އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ. ޔާމީން މަރުވެފައިވަނީ ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ދިނުމަށް އައިޖީއެމްޗް ހޮސްޕިޓަލަށް ގެންދެވުނުތާ ކުޑައިރުކޮޅެއް ފަހުން ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ. ޔާމިން ރަޝީދު މަރާލީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށްވާއިރު އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހަރާފައިވާއިރު، އޭނާގެ މެޔަށް އެކަނި ވެސް 14 ހަމަލާއެއް ވަނީ ދީފައެވެ.