ގެއެއްގެ ވައިގޮޅި އަކުން ވެއްޓި އުމުރުން ދުވަސް ވީ އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ، މާފަންނު ގެއެއްގެ ހަތަރު ވަނަ ފަންގިފިލާއިން އުމުރުން ދުވަސްވީ އަންހެނަކު ވެއްޓިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 1:33 ހާއިރު ކަމަށާއި، މި ހާދިސާގައި އަނިޔާވީ އުމުރުން 76 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާއި އެކު ފުލުހުން އެގެއަށް ގޮސް، ވައި ގޮޅިއަށް ވެއްޓުނު އަންހެން މީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ބޮލުގެ ފުުއްކިބަ ފަޅައިގެން ގޮސްފައިވާ ކަމަށާއި، އޭނާގެ ކަނާތުފައި ފަލަ މަސްގަނޑާ ހަމައިން ބިންދައިގެން ގޮސްފާވާއިރު، އޭނާގެ ވައިތުފައިގެ ކުޑަ ހުޅުންވެސް ބިންދައިގެން ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ރާއްޖޭގައި ހިނގާ މިފަދަ ހާދިސާތަކަށް ބަލާއިރު، އިއްޔެ ހަވީރު 5:25 ހާއިރު ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރި ބަގީޗާ ހިގުމުގައި ޖާ އިންވެސްޓްމެންޓު ޕުރައިވެޓް ލިމިޓެޑުން ހަދަމުންދާ އިމާރާތެއްގެ މަތިން ސިމެންތި ގޯނިތަކެއް އަޅަފައި ހުރި ޖަމްބޯ ބޭގެއް މީހެއްގެ ބޮލަށް ވެއްޓިގެން އެމީހާ ވަނީ މަރުވެފައެވެ. މި ހާދިސާގައި މަރުވެފައިވަނީ 24 އަހަރުގެ ބަންގުލަދޭޝް ފިރިހެނެކެވެ. މި އިމާރާތަކީ މީގެ ފަސް ވަރަކަށް ދުވަސް ކުރިން އެ އިމާރާތުގައި ބޭނުން ކުރި ލިފްޓް ކަނޑައިގެން ވެއްޓުމުގެ ސަބަބުން ބިދޭސީއަކަށް އަނިޔާވި އިމާރާތެވެ. އަދި މި ހާދިސާ ހިނގީ، ހަތް ވަނަ ފަންގިފިލާ އިން އެއްޗެހި ތަކެއް ބާލަން އުޅުމުގެ ތެރޭގައި ލިފްޓުގެ ކޭބަލް ކަނޑައިގެން ގޮސްގެން ކަމަށް ފުލުހުން ބުނެއެވެ.