މާލޭގެ ގެއަކުން ވައްކަން ކުރުމަށް ފަހު، ފިހާރައެއް ފަޅާލައި ވައްކަން ކުރަން ހުއްޓާ މީހާކު އަތުލައިގަންފިއެވެ.

ފުލުހުން ބުނީ ޝަހީދު ކުޑަނެވިތުއްތު ހިނގުމުގައި ހުންނަ ފަހަތާނެއްގެ ދޮރު ހަލާކު ކޮށްލައިގެން ވަދެ ވައްކަން ކުރަން އުޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ ހައްޔަރު ކުރީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ ހައްޔަރު ކުރީ މިއަދު އިރުއޮށްސި 6:41 ގައި ކަމަށެވެ.

އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާ ފާސްކުރި އިރު އަތުގައި އޮތް ދަބަހަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ބައެއް ތަކެތި ފެނިފައިވާ ކަމަށެވެ. އަދި ފަހުން މައުލޫމާތު ލިބުނުގޮތުގައި އޭނާގެ ދަބަހުން ފެނުނު ތަކެއްޗަކީ ގަލޮޅު ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ކަމަށާއި، އެގެއިން ވައްކަން ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފަހުން ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް ވައްކަންކުރުމުގެ މައްސަލަތައް އިތުރުވެފައިވާ އިރު، މި އަހަރުގެ ކުރީކޮޅުގެ ސަރުކާރުގެ ބައެއް އޮފީސްތަކާއި އަމިއްލަ އޮފީސްތައް ފަޅާލާއި ތިޖޫރީ ވަގަށް ނެގި މައްސަލަތަކެއް ވެސް ފެންމަތިވިއެވެ.