އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތު މި މަހު ހަމަވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތު މިހިނގާ ޖުލައި މަހުގެ 22 ގެ ނިޔަލަށް ހަމަވާތީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި، އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުއްވާލާފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާ ތާރީހަކީ އަންނަ ހަފްތާގެ ބުރާސްފަރި ދުވަހުގު މެންދުރު 2:00 އަށެވެ.

ރައީސް އޮފީހުން ބުނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުންނާއި، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުކަމަށް މިހާރު ހުންނެވީ މާވަށު ދާއިރާގެ ކުރީގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު (އަޒީބެ) އެވެ.