ވިޔަފާރިވެރިންގެ ޖަމިއްޔާގެ ގޮތުގައި ގައުމީ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒްގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބަލައިގަނެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޗެމްބާ އޮފް ކޮމާސްގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބަލައިގަތުމަށް މިއަދު ފާސްކުރީ 74 މެންބަރުންގެ ވޯޓުންނެވެ. މިއަދުގެ މަޖިލީސް ޖަލްސާއަށް ހާޒިރު މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވީ 74 މެންބަރުންނެވެ. މަޖިލީހުގެ ތަޅުމުން މި ބިލު ބަލައިގަތުމާއި އެކު، މި ބިލު އިތުރަށް ދިރާސާ ކުރުމަށް ވަނީ އިގްތިސާދީ ކޮމިޓީއަށް ފޮނުވާފައެވެ. މަޖިލީހަށް މި ބިލް ހުށަހެޅުއްވީ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.

މަޖިލީހުގެ ތަޅުމުން ބިލު ބަލައިގަންނަން ފާސްކުރި ނަމަވެސް ބިލަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ ބިލުގައި ހިމެނޭ ބައެއް މާއްދާތަކަށް ފާޑުވިދާޅުވެ ވަޑައިގެންފައެވެ. އެގޮތުން މި ބިލު މިހާރު އޮތް ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރަސްތަކެއް އޮތް ކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ޗެމްބާ އޮފް ކޮމާސްގެ ނަމުގައި ވިޔަފާރިވެރިންގެ ޖަމިއްޔާއެއް އުފައްދަން މަޖިލީހަށް ހުށަހެޅިއިރު، މިހާރު ވެސް ގާނޫނީ އޮނިގަނޑަކާ ނުލައި ވެސް ވިޔަފާރިވެރިންގެ ޖަމިއްޔާއެއް ދަނީ ހިންގަމުންނެވެ.