މިދިޔަ ހޮނިހިރު ދުވަހުގެރޭ މާލޭގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ 15 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި އުމުރުން 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއި 22 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވާ އިރު، މައުލޫމާތު ލިބެގޮތުގައި އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ 22 އަހަރުގެ ފިރިހެން މީހާގެ ގޭގައެވެ. އަދި އަންހެން ކުއްޖާ އެގެއަށް ގެންދިޔައީ 17 އަހަރުގެ ފިރިހެން ކުއްޖާއެއްވެ.

އަދި މި މައްސަލައިގައި ހައްޔަރު ކުރެވުނު 17 އަހަރުގެ ކުއްޖާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާ އިރު، 22 އަހަރުގެ ފިރިހެން މީހާއަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

ފަހަކަށް އައިސް ކުޑަކުދިންނާ ގުޅޭ ތަފާތު މައްސަލަތައް އަންނަނީ ފެންމަތި ވަމުންނެވެ. އެގޮތުން މި އަހަރު ތެރޭގައި 18 އަހަރުން ދަށުގެ ތިން އަންހެން ކުއްޖަކު ވިހާފައިވާ އިރު، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ވެސް އަންނަނި އިތުރުވަމުންނެވެ.