މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރަމުން ދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހުކުރު ވަނަ ދުވަހު ފުލުހުން ގެއަކަށް ވަދެ ދެމީހަކަށް އަނިޔާ ކުރި މައްސަލައިގައި ހިމެނޭ ހަތް ފުލުހުންގެ ތަހުގީގު އިންސާފުވެރި ކަމާއެކު ކުރިއަށް ގެންދަވާނެ ކަމަށާއި ބޭއިންސާފުން އެއްވެސް އޮފިސަރަކަށް ފިޔަވަޅު ނާޅުއްވާނެ ކަމަށް މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން ވިދާޅުވީ، އެމައްސަލާގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަގުތުން ފިޔަވަޅު އަޅުއްވާފައިވާ ކަމަށާއި، އަންގަވަން ޖެހިވަޑައިގަންނަވާ އިންސްޓިޓިއުޝަންތަކާއި ރައްޔިތުންނަށް ފޯރުކޮށް ދެއްވަން ޖެހިވަޑައިގަންނަވާ މައުލޫމާތުވެސް ފޯރުކޮށް ދެއްވާފައިވާ ކަމަށެވެ. މިސަރުކާރުގެ އަމާޒަކީ ދެފުށް ފެންނަ ނިޒާމަކާއެކު މަސައްކަތް ކުރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުން އަނިޔާކުރުމާއި ބޭއިންސާފު ގަބޫލެއް ނުކުރާނެ ކަމުުގެ ޔަގީންކަން މިނިސްޓަރު އިމްރާން ވަނީ އަރުވާފައެވެ. އެގޮތުން، މި ސަރުކާރުން އަނިޔާކުރުމާއި ދެކޮޅު ފަދައިން އެމައްސަލާގައި ހިމެނޭ އޮފިސަރުންނާމެދު ބޭއިންސާފުން އަމަލެއް ނުކުރައްވާނެ ކަމަށާއި، ފުލުހުންނާއި އާންމުންގެ ކިބައިން އެމައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާއިރު، ކަށަވަރުނުވާ މައުލޫމާތުތައް ނުފެތުރުމަށް މިނިސްޓަރު އިމްރާން ވަނީ އެދިވަޑައިގެންފައެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ފުލުހުންގެ 7 މީހަކު ވެގެން އަނިޔާކޮށްފައި ވަނީ ބަންގްލަދޭޝްގެ 36 އަހަރުގެ ފިރިހެނަކަށް ކަމަށް ބުނެފައިވެއެވެ. ފުލުހުންގެ ބުނީ އެފަދަ ކަންކަމަކީ ފުލުހުންގެ "ކޯޑް އޮފް އެތިކްސް" އަދި "ކޯޑް އޮފް ކޮންޑަންޓް" އަށް ނުފެތޭ ކަމެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެއްލެވމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް ހުށަހަޅުއްވާއިފައި ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ. މީގެ އިތުރުން ހަމީދު ވަނީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވެސް ގެ އިތުރުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ވެސް ހުށަހަޅުއްވާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހުންގެ ތެރެއިން ޓީމެއް ހަމަޖައްސައިފައި ވާކަމަށް ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން 28 އަހަރުގެ އިތުރު ފިރިހެނަކުވެސް ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ކޮޓަރިއެއްގެ ކުޑަދޮރުން ފުންމާލައިގެން ފިލަން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށާއި، ބަލައި ފާސް ކުރުމުގެ ތެރޭގައި އެގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 461 ގްރާމް ތަކެތި ފެނިފައިވާ ކަމަށެވެ. ފުލުހުން ބުނީ މިހާރު އަނިޔާ ލިބުނު ދެ މީހުނަށް ފަރުވާ ދީފައި ވާކަމަށާއި، އެއިން އެއްވެސް މީހަަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.