މި އަހަރު ފުރަތަމަ ހަ މަސް ދުވަހު އެންމެ ގިނަ ދައުވާ ރައްދުވަނީ ފުލުހުންނަށް ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އިން ހާމަކޮށްފިއެވެ.

މިއަދު އޭޖީ އޮފީހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރު ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ފުލުހުންނަށް 22 ދައުވާއެއް ރައްދުވެ، އޭޖީ އޮފީހުން ވަކާލާތު ކުރަން ޖެހިފައިވާ ކަމަށެވެ. ފުލުހުންނަށް ދައުވާ ރައްދުވެފައި ވަނީ ވަޒީފާއާ ގުޅޭ މައްސަލަތަކުގައެެވެ.

އޭޖީ އޮފީހުން ވަނީ މިއަހަރު ފުރަތަމަ ހަ މަސް ދުވަހު އެ އޮފީހުން ވަކަލާތު ކުރި 167 މައްސަލައިގެ ތެރޭގައި ސަރުުކާރުގެ އިދާރާތަކުގެ ތެރެއިން ހަތަރު އިދާރާއެއްގެ ޖުމްލަ 51 މައްސަލައަށް ވަކާލާތު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފުލުހުންގެ 22 މައްސަލަ، ޑިފެންސް މިނިސްޓްރީގެ 11 މައްސަލަ އަދި ހައުސިން މިނިސްޓްރީގެ ނުވަ މައްސަލައިގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ނުވަ މައްސަލައެއް ހިމެނެއެވެ.

މިއަހަރު ފުރަތަމަ ހަ މަސް ދުވަހުގެ ނިޔަލަށް އެ އޮފީހުން ދައުލަތަށް ދައުވާ ރައްދުވާ 111 މައްސަލައަށް ވަކާލާތު ކޮށްފައިވާ ކަމަށް އޭޖީ އޮފީހުން ބުނެއެވެ. އެގޮތުން، ދައުވާ ލިބޭ މައްސަލަތަކުގެ ތެރޭގައި، ސިވިލް ކޯޓުގެ 67 މައްސަލަ، ހައި ކޯޓުގެ 15 މައްސަލަ އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 14 މައްސަލައިގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގެ 10 މައްސަލަ އަދި ސުޕްރީމް ކޯޓުގެ ފަސް މައްސަލަ އޭޖީ އޮފީހުން ވަނީ ބަލާފައެވެ.

އޭޖީ އޮފީހުން ދައުލަތަށް ދައުވާ ކުރި 77 މައްސަލައިގެ ތެރެއިން 21 މައްސަލައެއް ކޯޓަށް ހުށަނޭޅޭ ކަމަށް އެ އޮފީހުން ބުނެއެވެ. އެގޮތުން، އެ އޮފީހުން ވަކާލާތު ކުރި 56 މައްސަލައިގެ ތެރޭގައިި ހައި ކޯޓުގެ މައްޗަށް ދައުވާކުރާ 24 މައްސަލައާ، ސިވިލް ކޯޓުގެ 21 މައްސަލައިގެ އިތުރުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ހަ މައްސަލަ އަދި ސުޕްރީމް ކޯޓުގެ ފަސް މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން، އޭޖީ އޮފީހުން ބުނީ، ވޭތުވެދިޔަ ހަ މަސް ދުވަސް ތެރޭގައި 1123 އަޑުއެހުމަކަށް އެ އޮފީހުން ގޮސްފައިވާ ކަމަށާއި، އެ މުއްދަތުގައި އެންމެ ގިނައިން ކޯޓަށް ދިއައީ މާޗް މަހުގައި ކަމަށެވެ. އެގޮތުން މިދިޔަ މާޗް މަހު އެ އޮފީހުގެ ވަކީލުން ޖުމްލަ 236 އަޑުއެހުމަކަށް ހާޒިރުވެފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.