ގެއްލިފައިވާ މުހައްމަދު ޝަފީއުގެ މައްސަލަ ތަހުގީގު ކުރުމަށް ވީނުވީއެއް ނޭގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ ޓީމެއް ފުވައްމުލަކުގައި ހަރަކާތްތެރި ވަމުން އެބަދެއެވެ.
2017 ވަނަ އަހަރުގެ ޖުލައި މަހު ވީނުވީ އެއް ނޭނގި ފުވައްމުލަކުން ގެއްލުނު ޝަފީއުގެ މައްސަލަ ބެލުމަށް ވީނުވީއެއް ނޭގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ ޓީމެއް ފުވައްމުލަކުގައި ހަރަކާތްތެރިވަމުން ދާކަން އެ ކޮމިޝަނުން ހާމަކުރީ ޝަފީއު ގެއްލުނު މައްސަލަ ބަލާ ދިނުމަށް އެދި، ފުވައްމުލަކު ޒުވާނަކު ސޯޝަލް މީޑިއަގައި ކުރި ޕޯސްޓަކާއި ގުޅިގެންނެވެ.
އެގޮތުން، ސޯޝަލް މީޑިއާގައި ޝަފީއުގެ މައުލޫމާތާއި އެކު އޭނާ ގެއްލުނު މައްސަލަ އަލުން ތަހުގީގު ކޮށްދިނުމަށް އެ ޒުވާނާ ކުރި ޕޯސްޓަށް ޖަވާބު ދެމުން ވީނުވީއެއް ނޭގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ބުނީ، އެ މައްސަލަ ތަހުގީގު ކުރުމަށް އެ ކޮމިޝަނުގެ ޓީމެއް މިހާރުވެސް ފުވައްމުލަކުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ. އަދި މި ކަމުގެ ހަގީގަތް ހޯދުމަށް އެ ކޮމިޝަނުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ޝަފީއު އަކީ އަންގާގާ ރިސޯޓުގައި ރޫމް އެޓެންޑެންޓެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ. އޭނާ ގެއްލިގެން ހޯދަން ފަށާފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަސް ތެރޭގައި އޭނާގެ އަންހެނުންގެ ގެއިން މަންމަމެންގެ ގެއަށް ދާން ނިކުތް ފަހުން އޭނާގެ ހަބަރެއް ނުވެގެންނެވެ. އެންމެ ފަހުން ފެނުނު އިރު ޝަފީއު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި ނޫ ކުލައިގެ ޖީންސެއް ކަމަށްވެސް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.
ޝަފީއު ގެއްލުނުތާ ގާތްގަނޑަކަށް ދެ އަހަރު ވެފައި ވާއިރު، އޭނާ ހޯދުމަށް ފުލުހުންނާއި، ފުވައްމުލަކުގެ އެކި މުއައްސަސާތަކުގެ އިތުރުން، ރަށު ރައްޔިތުން ނިކުމެ ވަނީ މުޅި ރަށް ބަލާ ފާސްކޮށްފައެވެ.