ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގެ އިސް މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ނުގެނެވުނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބޭނުންފުޅު ނުވެގެން ކަމަށް ވިދާޅުވުމާއި ގުޅިގެން މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އަށް ފާޑު ކިޔުން އަމާޒު ވެއްޖެއެވެ.
ލުތުފީ ރާއްޖެ ގެނައުމާ ބެހޭގޮތުން ސުވާލު ކުރުމަށް އިިއްޔެގެ ރައްޔިތުންގެ މަޖިލީހަށް އިމްރާން ހާޒިރު ކުރުމުން، އޭނާ ވިދާޅުވީ، 2014 އަހަރު ލުތުފީ ހުރި ތަނުގެ މައުލޫމާތު ލިބިވަޑައިގެންނެވި ނަމަވެސް އޭރު ލުތުފީ މާލެ ނުގެނެވުނީ އޭރުގެ ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އުމަރު ނަސީރުގެ އިޒުނަ ނުލިބުމުން ކަމަށެވެ. މިހެން ވިދާޅުވުމާއި ގުޅިގެން އިމްރާނަށް ދަނީ މީހުންގެ ފާޑު ކިޔުން އަމާޒުވަމުންނެވެ.
އެގޮތުން، ކުރީގެ ޕޮލިސް ކޮމިޝަނަރުންނާއި މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ އޭނާއަށް ރައްދު ދެއްވާފައެވެ. ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފު ވެސް ވަނީ އިމްރާމް ހެއްދެވީ އިތުރުފުޅެއް ކަމަށް ވިދާޅުވެފައެވެ. އިމްރާން މަޖިލީހުގައި ދެއްކެވި ވާހަކަތައް ދޮގު ކުރައްވަމުން އަރީފު ވިދާޅުވީ، ކޮންމެ މީހަކު ބުނެގެން ނަމަވެސް އެ ވާހަކަތައް އެގޮތަށް ދެއްކެވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި ލުތުފީ ރާއްޖެ ގެނައުމަށް ކުރި މަސައްކަތާއި އެކަން ހިނގައިދިޔަ ގޮތް އޭނާ އަށް ވަރަށް ރަނގަޅަށް އެނގި ވަޑައިގަންނަވާ ކަމަށް ވެސް އަރީފު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވީ، 19 ދިވެހިން ޝަހީދުކޮށް ގައުމު ބިރުވެރި ކަމަށް ވައްޓާލި "ބޮޑު ބާޣީ" ލުތުފީގެ ކަންތައްތަކުގައި އިމްރާން ނުވަތަ އުމަރުން ކުރެ، ކޮންމެވެސް އެއް ބޭފުޅަކު ދޮގު ހައްދަވާ ކަމަށެވެ. އަދި މިކަން ރައްޔިތުންނަށް އޮޅުވާނުލުމަށް އެދިވަޑައިގަންނަވަމުން މޮސްޓާ ވަނީ، އިމްރާނަކީ މީގެ ކުރިން ވެސް ދީނީ ތާކިހާ އަޅުއްވައިގެން ދޮގު ހައްދަވަމުން އުޅުއްވި ބޭފުޅެއް ކަމަށް ސިފަ ކުރައްވާފައެވެ.
މޮސްޓާ ވިދާޅުވީ، އިމްރާން ފާހަގަ ކުރެވެނީ އަބަދުވެސް ސިޔާސީ މަންފާ ހޯއްދަވަން ދޮގު ހައްދަވާ އޮޅުވާލައި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އަދި މަޖިލީހަށް ހާޒިރުކޮށް، ސުވާލު ކުރުމުން، ޒިންމާ ނެންގެވުމުގެ ބަދަލުގައި އެމްޑީޕީ މެންބަރުން ރުއްސުވުމުގެ ގޮތުން ލުތުފީ ރާއްޖެ ނުގެނެވިގެން އުޅެނީ އުމަރާއި ހެދި ކަމަށް ވިދާޅުވެ ފިއްލެވީ ކަމަށެވެ. މޮސްޓާ ވަނީ އިމްރާނަށް ޒިންމާ ނެންގެވުމަށް ގޮވާލައްވައި، ޒިންމާ ނުނެންގެވޭ ނަމަ މަގާމަށް ގާބިލު މީހުން ތިއްބެވި ކަމަށާއި، އަވަހަށް އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައްވާފައެވެ.
ތިމަރަފުށީ ދާއިރާގެ މެންބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނާ އަބްދުﷲ ރިޔާޒު ވިދާޅުވީ، ފިލައިގެން އުޅޭ މީހަކު ހޯދުމަށް ހޯމް މިނިސްޓަރުގެ ހުއްދަ ފުލުހުން ހޯދަން ނުޖެހޭނެ ކަމަށެވެ. އަދި ގާނޫނުގައިވާ ގޮތަށް ކަންކަން ކުރުމަކީ ފުލުހުންނަށް ލާޒިމު ކަމެއް ކަމަށެވެ.
މީގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނާ ހުސެއިން ވަހީދު ވެސް ވަނީ އިމްރާނަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، އިމްރާންގެ ވާހަކަފުޅަކީ އަމިއްލަފުޅު ހިޔާލީ ވާހަކަފުޅެއް ކަމަށާއި، 2014 ވަނަ އަހަރު ފުލުހުންގެ އެންމެ އިސް މީހާގެ މަގާމުގައި ހުންނެވި އިރު، ދުވަހަކު ވެސް އުމަރު އެފަދަ ވާހަކައެއް ދައްކަވާފައި ނުވާ ކަމަށެވެ. ލުތުފީ ހޯދުމަކީ ރައީސް ޔާމީނާއި އުމަރު ވެސް އިސްކަމެއް ދެއްވި ކަމެއް ކަމަށާއި، އެކަން ލިޔެކިއުންތަކުން އެނގެން ހުންނާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ، މައުލޫމާތު ލިބިވަޑައިގެންނެވި ގޮތުގައި ލުތުފީ ފިލައިގެން އުޅުނީ، ކޮންމެވެސް ވަރަކަށް ސިފަ ބަދަލު ކޮށްގެނެވެ. އަދި އޭރު ފިލައިގެން އުޅުނު މީހަކު މިއަދު ފެނުމުން ކަން ކުރަންވާ ގޮތަށް ކަން ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވަހީދު ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ، މިނިސްޓަރު އިިމްރާން މަޖިލީހުގައި އަސްލެއް ނެތް ވާހަކަތަކެއް ފަތުރުއްވަނީ ރައްޔިތުންނަށާއި މަޖިލިސް މެންބަރުންނަށް އޮޅުވާލެއްވުމުގެ މަގުސަދުގައި ކަމަށާއި އެއީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ.
އިމްރާން ހެއްދެވީ ހުސް ދޮގު ކަމަށް ހުދު އުމަރު ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އުމަރު ވަނީ ލުތުފީ ހޯދާ އަނބުރާ ރާއްޖެ ގެނައުމަށް އެންމެ ގިނަ މަސައްކަތް ކުރެއްވި ވަޒީރަކީ އޭނާ ކަމަށް ވިދާޅުވެފައެވެ. އުމަރު މިހެން ވިދާޅުވެފައި ވާއިރު، އޭނާ ވަނީ ލުތުފީ ހޯދުމަށް ކުރީ ސަރުކާރުގައި ކުރެއްވި މަސައްކަތް ތަކުގެ ތަފްސީލުވެސް ހާމަ ކުރައްވާފައެވެ.
ދޮގުހެދުމުގެ ނުބައިކަންވެސް އެނގޭނީ ޢިލްމުވެރިންނަށް! އެނގިހުރެ ދޮގުހަދާ މީހުންްގެ ޙުކުމަކީ ކޮބައިބާ؟ 1.5 ބިލިޔަންޑޮލަރުގެ ބަދަލުގައި 4.2 ބިލިޔަންޑޮލަރޭ ބުނެ ދޮގުހަދާ މީހާއަށް ތަނެއްދޮރެއް ނޭގުނަސް ދިވެހިން ޝައިޚް ކިޔަނީ ގައިމުވެސް ތަންދޮރު ނުދަންނަ މީހުންނަކަށެއްނޫނެވެ. ﷲއަށް ބިރުވެތި ވުމަށް ނަޞޭޙަތްތެރިވަމެވެ. އެހެނީ ޢިލްމުވެރިން މިފެންވަރަށް ވެއްޓުނީމާ އަހުރެމެންކަހަލަ ޖާހިލުންގެ ޙާލަކީ ކޮބައިބާ!!!
އިމްރާނު އަކީ ދޮގުހަދާމީހެއްކަން މިقوم ގެ އެންމެހާ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ ދޮގުހަދާމީހުނައް ހުރި عذاب އެއްގެ ބޮޑުކަމާއެވެ.