އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއާއިއެކު އެ ޕާޓީގެ ލީޑާޝިޕުން އިސްތިއުފާ ދެއްވާފައިވާ ރާހުލް ގާންދީ، މިއަދުގެ ވަގުތެއްގައި ކޯޓަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ޚަބަރު ލިބިއްޖެއެވެ.

އަހުމަދުއާބާދުގެ ކޯޓަށް ރާހުލް މިއަދު ހާޒިރުކުރެއްވެނީ، ބީޖޭޕީގެ ލީޑަރުގެ ގޮތުގައި ކުރިން ހުންނެވި އަމީތް ޝާހްއަށް ނިސްބަތްކުރައްވާ، ކެމްޕޭން ރެލީއެއްގައި ރާހުލް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ހުށަހަޅާފައިވާ އަބުރުގެ ދައުވާގެ މައްސަލާގައެވެ.

މިއީ ފާއިތުވީ މަހެއްހާ ދުވަހުގެ ތެރޭގައި ރާހުލް ކޯޓަށް ހާޒިރުކުރެއްވޭ 4 ވަނަ ފަހަރެވެ.

އޭޕްރިލް 23 ވަނަ ދުވަހު މަދްޔަޕްރަދޭޝްގައި ކުރިއަށްދިޔަ ކެމްޕޭން ރެލީއެއްގައި ވާހަކަފުޅުދައްކަވަމުން ރާހުލްވަނީ، މީގެ 5 ވަރަކަށް އަހަރުކުރިން އެ މައްސަލައަކުން އަމީތު ޝާހް ސަލާމަތްވެވަޑައިގެންފައިވާ މަރެއްގެ މައްސަލަ އަލުން ފެންމަތިކުރައްވާފައެވެ. އަދި އަމީތު ޝާހްގެ ދަރިކަލުން ޖޭ ޝާހްއާއި ދެކޮޅަށް ރާހުލް ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއްވެސް އަމާޒުކުރައްވާފައެވެ. އެގޮތުން ޖޭ ޝާހްއަކީ، 3 މަސްދުވަހުގެ ތެރޭގައި 50 ހާސް ރުޕީޒް، 80 ކްރޯރް ރުޕީޒްއަށް ބަދަލުކޮށްލެއްވި "ޖާދޫގަރެއް" ކަމުގައި ރާހުލް ވަނީ ވިދާޅުވެފައެވެ.

ހުސްވި ހާފުތާގައިވެސް ރާހުލް ވަނީ އަބުރުގެ ދައުވާގެ މައްސަލައެއްގައި ކޯޓަށް ހާޒިރުކުރެވިފައެވެ. އެފަހަރުގެ ދައުވާއަކީ، "ހުރިހާ ވަގުންނެއްގެ ނަމުގެ ފަހަތަށް މޯދީ" އަންނާނެ ކަމަށް ވިދާޅުވެ، ރާހުލް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން އޭނާއައި ދެކޮޅަށް، ބިހާރުގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ސުޝީލް މޯދީ ހުށަހެޅުއްވި ދައުވާއެކެވެ. ޕަޓްނާ ކޯޓުން ބެލި އެއްމައްސާލަގައި ރާހުލް ދޫކޮށްލާފައިވަނީ ކަފާލާތުގެ ދަށުންނެވެ. ހަމަ މިފަދަ މައްސަލައެއް، މަޖިލިސް މެމްބަރު ޕަރުނީޝް މޯދީވެސް ވަނީ ރާހުލްއާއި ދެކޮޅަށް ފެންމަތިކުރައްވާފައެވެ.