ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ބުލީކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިންސްޓަގްރާމްއިން އާ ފީޗާއެއް ތައާރަފުކޮށްފިއެވެ.

މި ފީޗާއަކީ، މީހަކު ކޮށްފައިވާ ޕޯސްޓަކަށް ކޮމެންޓް ކުރާއިރު، އެ މީހަކު އެ ކުރި ކޮމެންޓާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ހިތްވަރުދޭ ގޮތަށް ފަރުމާކޮށްފައިވާ ފީޗާއެކެވެ.

މީގެ އިތުރުން، ބުލީގެ ހަމަލާތައް އެންމެ ގިނައިން ފޮނުވާލާ ފަރާތްތަކުގެ ކިބައިން ސަލާމަތްވެވޭނެ ފީޗާތަކެއްވެސް ވަރަށް އަވަހަށް އެ ޕްލެޓްފޯމުން ލިބެން ހުންނާނެކަމަށް އިންސްޓަގްރާމްއިން ވަނީ ބުނެފައެވެ.

އާ ފީޗާ ފަރުމާކޮށްފައިވަނީ ބޭއަދަބީ ނުވަތަ ނޭދެވޭ ބަސްމަގަކުން ކޮމެންޓެއް ލިޔަމުންދާނަމަ އެމީހާ ހުއްޓުވާ، ހަމަ އެ ކޮމެންޓް އެ އިބާރާތުން އެ ގޮތަށް ކުރަން ބޭނުންތޯ ސުވާލުކުރުމަށް ޕޮޕްއަޕް މެނޫއެއް އަރާ ގޮތަށެވެ. މިސާލަކަށް "ކަލޭ ތިއީ މޮޔައެއް ހޭ؟" ބުނެ ކޮމެންޓްކުރަމުންދާނަމަ ވަކި ހިސާބަކުން އެ މީހަކު ހުއްޓުވާ، އެ ކޮމެންޓާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް އިންސްޓަގްރާމްގެ އާ ފީޗާއިން ހިތްވަރުދޭނެ ކަމަށްވެސް އިންސްޓަގްރާމްއިން ބުނެއެވެ.

އިނގިރޭސިވިލާތުގައި، ފުރާވަރު އުމުގެ ކުއްޖަކު އަމިއްލަ މަރުވި މައްސަލާގައި އިންސްޓްގަރާމްއަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. އޭނާ އަމިއްލައަށް މަރުވެފައިވަނީ އިންސްޓަގްރާމް ޕްލެޓްފޯމްގެ ޒަރިއްޔާއިން އޭނާއަށް ކުރިމަތިލާންޖެހުނު ބުލީގެ ހަމަލާތަކެއްގެ ސަބަބުންކަމަށް ދަނީ ބުނަމުންނެވެ. އުމުރުން އެންމެ 14 އަހަރުގެ ކުއްޖާގެ މަރުގެ މައްސާލަގައި އިންސްޓަގްރާމްއަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ.