ދަރިއަކު ނުލިބިގެން އެތައް އަހަރެއް ވަންދެން މަސައްކަތް ކުރުމަށް ފަހު އައި.ވީ.އެފް ހިޔާރު ކުރި އޭޝިއާގެ ދެމަފިރިއަކު، އެމެރިކާގެ ކެލިފޯނިއާގެ ދަރިމައިވުމުގެ ސިއްހަތާ ބެހޭ ކުލިނިކަކާ ދެކޮޅަށް ވަރުގަދަ ދައުވާއެއް އުފުލައިފިއެވެ.

މީޑިއާގައި މި ދެމަފިރިންނަށް މުހާތަބު ކުރަނީ އޭޕީއާއި ވައިޒީގެ ނަމުންނެވެ. ދަރިމައިވުމުގެ ސިއްހަތާ ބެހޭ ކުލިނިކަކާ ދެކޮޅަށް މި ދެމަފިރިން ދައުވާ ކުރަނީ، އެތައް ދުވަހެއްގެ މަސައްކަތުންވެސް ދަރިއަކު ލިބޭ ގޮތް ނުވުމުން، އައި.ވީ.އެފްގެ އެހީގައި ބަނޑުގައި ދަރިން ގަރުބަގަންނުވައިގެން ވިހޭ ކުދިންނަކީ އެ ދެމަފިރިންގެ ދަރިން ނޫންކަމަށް ބުނެއެވެ.

އައި.ވީ.އެފްގެ އެހީގައި ބަލިވެ އިނދެ، މި ދެމަފިރިންނަށް ލިބުނީ ކިތައް ދަރިންކަމެއް ސާފެއް ނޫނެވެ.

އޭޕީއާއި ވައިޒީއަކީ އޭޝިއާއަށް ނިސްބަތްވާ ދެމީހުންނަމަވެސް އެ ދެމަފިރިންނަށް ލިބުނު ކުދިންގެ ގައިގައި އޭޝިއާ ވަންތަ އެއްވެސް ސިފައެއް ނެތެވެ. ޝައްކުތަކެއް އުފެދުނީ އެހާ ހިސާބުންނެވެ. އެއާއެކު ނަސްލު ދެނެގަންނަ ޓެސްޓުތަކެއް ހެދުމުން، އެއީ އެދެމަފިރިންނާ ގުޅުންހުރި ދަރިންތަކެއް ނޫންކަން ކަށަވަރުވިއެވެ. އަދި ކަށަވަރުވި އެހެން ކަމެއްވެސް އެބައޮތެވެ. އެ ކުދިންނަކީ، އެކުއްޖަކު އަނެއްކުއްޖަކާވެސް ތިމާގެ ކުދިންނެއް ނޫނެވެ.

މާޗް 30 ވަނަ ދުވަހު އަންހެން މީހާ ވިހެއުމުގެ ކުރިންވެސް ޝައްކުތަކެއް އުފެދުނު ކަމަށް އެ ދެމަފިރިން ބުނެއެވެ. އެގޮތުން، ބަނޑުގައި ވަނީ ފިރިހެން ދަރިންތަކެއް ކަމަށް ސްކޭންއިން ދެއްކި ހިސާބުންވެސް ސުވާލުތަކެއް އުފެދުނެވެ. އެހެނީ، އައި.ވީ.އެފް ފަރުވާގެ މަރުހަލާގައި، ފިރިހެން ދަރިން ގަރުބަގަތުވުމަށް މަސައްކަތްކޮށްފައި ނުވާނެ ކަމަށް ހިދުމަތްދިން ޑޮކްޓަރު ބުނެފައި އޮތުމުންނެވެ.

މި ކުދިންނަށް ބަލިވެއިނުމަށް މި ދެމަފިރިންވަނީ އެ ކުލިނިކަށް 100000 ޑޮލަރު ޚަރަދުކޮށްފައެވެ. މި ކުލިނިކާ ދެކޮޅަށް މި ދެމަފިރިން ދައުވާ ކުރަނީ ސިއްހީ ފަރުވާގެ ހިދުމަތުގައި ފަރުވާކުޑަކުރުމުގެ ކުށުގަޔާ، ގަސްތުގައި ނަފްސާނީ އަނިޔާ ދިނުމުގެ ކުށުގައެވެ.

ސީދާ މިމައްސަލައާއި ބެހޭ ގޮތުން ކުލިނިކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އައިވީއެފްއަކީ އަންހެން މީހާގެ ބިހާއި ފިރިހެން މިހާގެ ދަރިފަނި، އެކަމަށް ހާއްސަކުރެވިފައިވާ މިންގަނޑުތަކެއްގައި، އެކަމަށް ހާއްސަ ލެބޯޓްރީއެއްގައި، ވަކި އާލަތްތަކެއް ބޭނުންކޮށްގެން ދަރިމައިކުރުވުމަށްފަހު އަންހެން މީހާގެ ބަނޑުގައި ދަރިފުޅު އަށަގެންނަވައިގެންދޭ ފަރުވާއެކެވެ. ދަރިއަކު ނުލިބިގެން އެތައް ދުވަހަކު މަސައްކަތްކުރާ ގިނަ ބަޔަކު އެންމެ ބޮޑަށް ބަރޯސާވާ އެއް ފަރުވާއަކީ އައިވީއެފް ކަމަށްވާއިރު، މިފަހަކަށް އައިސް ދިވެހިންގެ މެދުގައިވެސް މިފަރުވާ ހޯދަންޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.