ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލާގައި ފުލުހުން ވެފައިވާ އިހުމާލުތައް ދިރާސާ ކުރުމަށް މިއަދު ބޭއްވި ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފިއެވެ.

ރިލްވާންގެ މައްސަލާގައި ފުލުހުން ވެފައިވާ އިހުމާލުތައް ބަލަން ފުލުހުންގެ އިދާރާގެ އިސްވެރިން ހާޒިރު ކުރަން ވެސް މި ކޮމިޓީން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ވަނީ ނިންމާފައެވެ. ނަމަވެސް ފުލުހުން ހާޒިރު ކުރާނެ ވަކި ތާރީހެއް އެ ދުވަހަކު ކަނޑައެއް ނާޅައެވެ. ރިލްވާންގެ މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިހާތަނަށް ކުރި މަސައްކަތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނީ އިއްޔެ އެވެ.

ރިޟްވާން ގެއްލުވާލި މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފައިވީ ނަމަވެސް، އެ މައްސަލައިގެ ޝަރީއަތް ނިމުނު އިރު މައްސަލަ ސާބިތެއް ނުވިއެވެ. ރިޟްވާން ގެއްލުވާލާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. ރިޟްވާން ގެއްލުނުތާ މިހާރު ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު މި މައްސަލަ ދަނީ ގެއްލުވާލާފައިވާ މީހުންނާއި މާރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގެ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައިވީ ނަމަވެސް އެ ރިޕޯޓުގެ ތަފުސީލެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.