ޖިނާއީ މައްސަލަތަކުގައި އިންޑިއާއާއި ރާއްޖޭން އެއްބާރުލުން ދިނުމާއި ބެހޭ އެއްބަސްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

"ޓްވީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އިން މިއުޗުއަލް ލީގަލް އެސިސަޓަންސް އިން ކްރިމިނަލް މެޓާސް" އަށް ރުހުން ދީ، ފާސްކުރީ، 65 މެންބަރުންގެ ވޯޓުންނެވެ. އެ އެއްބަސްވުމާއި ދެކޮޅަށް 11 މެންބަރަކު ވޯޓުދެއްވިއިރު، އެ މުއާހަދާއަށް ރުހުން ދިނީ އެއްވެސް ބަދަލެއް ނުގެނެސް ސަރުކާރުން ފޮނުވި ގޮތަށެވެ.

އެ އެއްބަސްވުމުގައި ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ ފެބުރުއަރީ މަސްތެރޭގައެވެ. ގާނޫނު އަސާސީގައި ބުނާގޮތުން ރާއްޖެއިން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ މައްޗަށް އަމަލުކުރަންވާނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، މަޖިލީހުން ނިންމާގޮތެއްގެ މަތިންނެވެ. ޖިނާއީ ކުށްތައް ހުއްޓުވަން އެއްބާރުލުން ދިނުމަށް އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ފުރަތަމަ ފެއްޓެވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެގޮތުން 2011 ވަނަ އަހަރުގައި ވެސް އެ އެއްބަސްވުމުގައި ސޮއި ކުރަން މަޖިލީހުން ރުހުން ދިން ނަމަވެސް އޭރު އެ މަސައްކަތް އޮތީ މަޑު ޖެހިފައެވެ.

ޖުމުލަ 26 މާއްދާއެއް އެކުލެވޭ އެ އެއްބަސްވުމުގެ ގޮތުން ސޮއި ކުރެވޭ ދެ ގައުމަކުން ކުރެ ގައުމަކުން އެދިއްޖެނަމަ ތަހުގީގަށް މައުލޫމާތެއް ހޯދަން އެއް ގައުމުން އަނެއް ގައުމަށް މީހަކު ގެންދެވިދާނެ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ކަމަށް އެ އެއްބަސްވުމުގައިވެއެވެ. އަދި އެ މީހަކު ހުއްދަ އޮވެގެން، އެ މީހަކު ހަވާލު ކުރެވޭ ގައުމެއްގެ ގާނޫނުގެ ދަށުން އޭނާ ބަންދު ކުރަން ޖެހިއްޖެނަމަ ބަންދު ކުރެވޭނެ ކަމަށާއި ނަމަވެސް ގެންދިޔަ ބޭނުން ފުރިހަމަވުމުން އަނބުރާ ހަވާލު ކުރަން ޖެހޭނެ ކަމަށް ވެސް މި އެއްބަސްވުމުގައި ބުނެފައިވެއެވެ.