ރާއްޖެއާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ރައްކާތެރިކަމާއި ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖެއާ އިންޑިއާއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ "ޓްވީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އިން މިއުޗުއަލް ލީގަލް އެސިސަޓަންސް އިން ކްރިމިނަލް މެޓާސް" ގެ މަގްސަދަކީ، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ދެ ގައުމުގެ ދެމެދުގައި ފަހިކުރުން ކަމަށެވެ. އަދި ޖިނާއީ މައްސަލަތަކާ ގުޅޭގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި، މިފަދަ މައްސަލަތަކުގައި ދެ ގައުމުގެ މުއައްސަސާތަކުން ބޭނުންވާ މައުލޫމާތު ހިއްސާކުރުމަށްޓަކައި ފަހި އުސޫލުތަކެއް ގާއިމްކުރުމަކީ ވެސް މި އެއްބަސްވުމުގެ މަގްސަދެއް ކަމަށް އެ ބަޔާނުގައި ވެއެވެ.

އެގޮތުން ހުކުމް ތަންފީޒުކުރުމަށްޓަކައި ނުވަތަ ޝަރީއަތް ހިންގުމަށްޓަކައި ނުވަތަ ޝަރީއަތް ހިންގުމަށްފަހު ހުކުމް އިއްވުމަށްޓަކައި އެއް ގައުމުން އަނެއް ގައުމަށް މީހުން ބަދަލުކުރުމަކީ، މި އެއްބަސްވުމުގެ ސްކޯޕްގެ ތެރޭގައި ހިމެނޭ ކަންކަން ނޫން ކަމަށް އޭޖީ އޮފީހުން ބުނެއެވެ. އޭޖީ އޮފީހުން ބުނީ މި އެއްބަސްވުމުގެ ދަށުން ޝަރީއަތެއްގައި ހެކި ބަސް ދިނުމަށްޓަކައި ދިވެހި ރައްޔިތެއް އެހެން ގައުމަކަށް ގެންދެވޭނީ، ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ތެރެއިން، އެ ދިވެހި ރައްޔިތެއްގެ ރައްކާތެރިކަމާ ގުޅޭގޮތުން ހާއްސަ ގެރެންޓީތަކެއް ޕީޖީއަށް ދިނުމަށްފަހުގައި ކަމަށެވެ.

އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންޑިއާގެ އިތުރުން، ލަންކާއާ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ރަޝިއާ ފަދަ ގައުމުތަކާއެކުވެސް މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި، އެ ގައުމުތަކުން ހުށަހަޅައިގެން އެ ގައުމުތަކާއެކު ދިވެހި ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި ޖިނާއީ އެހީތެރިކަން ބަދަލުކުރުމުގެ މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގައި ހިންގާ ޖިނާއީ ތަހުގީގުތަކަށް އެހީތެރިކަން ލިބި އެ މަސައްކަތް ހަރުދަނާވާނެ ޖިނާއީ މައްސަލަތައް ހަލުވިކަމާއެކު ނިންމުމަށް އިތުރު ބާރެއްވެސް ލިބިގެންދާނެ ކަމަށް އޭޖޯ އޮފީހުން ބުނެއެވެ.

މީގެ އިތުރުން، އޭޖީ އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުން، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމާގުޅޭ އުސޫލުތަކަކީ، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގައި ކަނޑައެޅި، 2015 އިން ފެށިގެން އަމަލުކުރެވެމުންދާ އުސޫލުތަކެއް ކަމަށެވެ. އަދި އެ ގާނޫނުގައި، ތަހުގީގަށް އެހީތެރިކަން ހޯދުމާއި، ޝަރުއީ ލިޔުންތައް ހޯދައި ރައްދުކުރުން އަދި މުދަލުން މުއާމަލާތްކުރުން ހުއްޓުވުމުގެ އިތުރުން ބޭންކް ރިކޯޑާއި މާލީ ރެކޯޑާއި އެފަދަ ލިޔެކިޔުންތައް ހޯދުމަކީ، އެ ގާނޫނުގެ ދަށުން ގައުމުތަކުން ރާއްޖޭގެ އެހީއަށް އެދެވޭނެ ދާއިރާތައްކަމުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. މީގެ ސަބަބުން އެހީއަށް އެދި ބޭރު ގައުމަކުން ހުށަހަޅާ ހުށަހެޅުމެއް ބަލައިނުގަތުމުގެ އިހްތިޔާރު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ގާނޫނުން ލިބިދީފައިވާ ކަމަށް ވެސް މި ބަޔާނުގައިވެއެވެ.