ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް ގުޅިގެން ދެވޭ ރިވެލި އެވޯޑު 21 ފަރާތަކަށް ދީފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި މި 21 ފަރާތަށް ރިވެލި އެވޯޑު ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފެވެ. ރިވެލި އެވޯޑަކީ ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ ގައުމީ އެވޯޑެކެވެ.

ރިވެލި އެވޯޑް ހާސިލް ކުރި ފަރާތްތައް:

  1. މުހައްމަދު ރައިޝާން އަހްމަދު، ހުސްނޫވިލާ/ މ.މުލައް
  2. އަލްހާފިޡު އަޙްމަދު ނަބީހު އަބްދުލްގަދިރު، މާބަގީޗާގެ/ ލ.މާވައް
  3. މަރްޔަމް ނޫރާ ރަޝާދު، މއ.ސެނަކާ
  4. ފާތިމަތު އިބްރާހީމް، ކާނިމާގެ/ ޅ.ހިންނަވަރު
  5. އަލްހާފިޡު އަލީ އަމްޖަދު، ރަބީއު/ ހދ.ކުޅުދުއްފުށި
  6. ޝަފީނާޒް ސައީދު، ހީނާމާގެ/ ގއ.ކޮލަމާފުށި
  7. ރަހުމާ އީސާ، ހ.ފިލްމީ ސައިޓް
  8. ދިމްނާ ފާކިރު، ގުލްދަސްތާގެ/ ސ.ފޭދޫ
  9. ނަހްވާން ޔޫސުފް، ތަންހަޅިއާގެ/ ޅ.ނައިފަރު
  10. އަޔާން އާލް ބިން އަހްމަދު ނާސިރު، މ.އަބާނާ
  11. އަބްދުﷲ ޟިޔާއު، ދެވެލި، ސ.މަރަދޫ
  12. ސިފުނާ އިބްރާހީމް، ފެހިވާދީ/ މ.މުލައް
  13. އަހްމަދު ނަހުޔާން ފައިސަލް، ނޫޑަލްހީ/ ޏ.ފުވައްމުލައް
  14. މަރްޔަމް ލުމައިހާ އާދިލް، މ.ސާނިޔާ
  15. މުހައްމަދު ނިޔާފް، ލޫބިޔާ/ ލ.ފޮނަދޫ
  16. ވަސްމީ ވަހީދު، ސޯސަންމާގެ/ ބ.ތުޅާދޫ
  17. އަލީ އަމީން، ގ.ރަންރީދޫގެ
  18. ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔަޑް ސޮސައިޓީ އޮފް މޯލްޑިވްސް، ވ.އަލުންތިލަ
  19. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
  20. ރޭޑިއޯ އެޓޯލް
  21. މޯލްޑިވްސް އޯޓިޒަމް ސެންޓާ

ރިވެލި އެވޯޑު 2019 ދިނުމުގެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ ފާއިތުވެ ދިޔަ އަހަރުތަކުގައި އާންމު ހިދުމަތް ދޭ ތަންތަން ބިނާކުރުމުގައި އެ ފަރާތްތަކުގެ ނުކުޅެދުންތެރި ކަމަށް ރިއާޔަތް ކުރެވިފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ފެނިގެން ދިޔައީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގެ ތެރެއިން ގަސްދުގައި ހަވާސާ ކޮށް، އެ ފަރާތްތަކުގެ ސިޔާސީ ނާޖާއިޒު ފައިދާތައް ނެގި މަންޒަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޒަމާންވީ 2020ގެ ތަސައްވުރަށް ރާއްޖެ މަރުހަބާ ކިޔަން ތައްޔާރުވާ އިރު، ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އެހެން ފަރާތެއްގެ އެހީތެރިކަމެއް ނެތި ހިނގާބިނގާވެ އުޅުމާއި، ދަތުރުފަތުރު ކުރުމާއި، އިމާރާތްތަކަށް ވާސިލުވެވޭނޭ މިންވަރަށް އިންތިޒާމުތައް ހަމަޖެއްސިފައި ނެތް ކަމީ ލަދުގަންނަން ޖެހޭ ކަން މިނިސްޓަރު ޝިދާތާ ވަނީ ފަހަގަ ކުރައްވާފައެވެ. މިނިސްޓަރު ޝިދާތާ ވިދާޅުވީ، ތަހުޒީބަކީ އިންސާނާގެ ވިސްނުމާއި ފިކުރަށް އަންނަ ކުރިއެރުމެއް ކަމުގައިވާ ނަމަ، އެ ކަން މުޅި މުޖުތަމައުގެ ތެރެއިން ފެންނަން ޖެހޭ ކަމަށާއި، އެގޮތުން މުޖުތަމައުގައި "އިންކްލޫސިވިޓީ" އަދި "އެކްސެސިބިލިޓީ" ނެތް ކަމުގައި ވަނީ ނަމަ އެއީ ތަހުޒީބުވެފައިވާ މުޖުތަމައުއެކޭ ނުދެންނެވޭނެ ކަމަށެވެ.