ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގެ އިސް މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، ހޯދާ އަނބުރާ ރާއްޖެ ގެނައުމަށް އެންމެ ގިނަ މަސައްކަތް ކުރި ވަޒީރަކީ އޭނާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ވިދާޅުވީ، މިއަދުގެ މަޖިލިސް ޖަލްސާގައި، މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އޭނާއާ ބެހޭ ގޮތުން ހެއްދެވީ ދޮގު ކަމަށާއި، ލުތުފީ، ހޯދާ އަނބުރާ ރާއްޖެ ގެނައުމަށް އެންމެ ގިނަ މަސައްކަތް ކުރި ވަޒީރަކީ އޭނާ ކަމަށެވެ. އުމަރު މި މޭރުމުން ވާހަކަ ދެއްކެވީ މިއަދުގެ މަޖިލީހުގައި, 2014 އަހަރު ލުތުފީ ހުރި ތަނުގެ މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށާއި، އޭރު އޭނާ މާލެ ނުގެނެވުނީ އޭރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އުމަރު ނަސީރުގެ އިޒުނަ ނުލިބުމުން ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވުމާއި ގުޅިގެންނެވެ.
އިމްރާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލުތުފީ އަނބުރާ ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ދެވުނު ކަމަށާއި، ނަމަވެސް އެކަން އޭރު ނުކުރެވުނީ ލުތުފީ އަނބުރާ ގެނައުމަަކީ އެވަގުތަށް މުހިންމު ކަމެއް ނޫން ކަމަށް އޭރުގެ ހޯމް މިނިސްޓަރު ފުލުހުންނަށް އިރުޝާދު ދެއްވާފައިވާތީ ކަމަށެވެ.
އުމަރާއި މިނިސްޓަރު އިމްރާނާއި ދެމެދު ބަހުގެ ހަމަލާތައް ބަދަލުވެފައި ވާއިރު، އުމަރު ވަނީ އޭނާ ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު، ލުތުފީ ހޯދުމަށް އެސަރުކާރުން ކުރި މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވާފައެވެ. އެގޮތުން އުމަރު ވިދާޅުވީ، ލުތުފީ ރާއްޖޭގެ އެމްބަސީ އަށް ވަދެ ލަންކާ ފުލުހުންނަށް ފިލާ އޮންނަން ޖެހުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކަރުން ހުށަހަޅާފައިވާ 10،000 ޑޮލަރުގެ އިނާމުގެ ސަބަބުން ކަމަށެވެ. އަދި ލަންކާގެ ވަކި ވަކި ފުލުހުންގެ އަތުގައި ލުތުފީގެ ފޮޓޯއާ ވަނަވަރު ހުންނާނެ ކަމަށް އުމަރު ވިދާޅުވެފައި ވާއިރު، އޭނާ ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު ލުތުފީ ހޯއްދެވުމަށް ވަރަށް ގިނަ ގުނަ މަސައްކަތް ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން، އޭނާ ވިދާޅުވީ، ލުތުފީ ހައްޔަރު ކުރުމަށް މަގުފަހިކޮށްދޭ ވަރުގެ މައުލޫމާތެއް ދިން ފަރާތަކަށް 75،000 ރުފިޔާގެ އިނާމެއް ސަރުކާރުން ހުށަހެޅި ކަމަށާއި އެ އިނާމު ފަހުން 10،000 ޑޮލަރަށް ބޮޑު ކޮށް، ލަންކާ ފުލުހުންނާ މައުލޫމާތު ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
ލުތުފީ ހޯދުމަށް އެހާ ބޮޑު އިސްކަމެއް ދެއްވަނީ، ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް އުދުވާނީ ހަމަލާ ދިން އިރު އޭނާއަކީ ދިވެހި ސިފައިންގެ ބޭފުޅެއް ކަމަށާއި، އެ ހަމަލާ ތަޖުރިބާ ކުރެއްވި ކަމަށް ވާތީ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. އަދި ޝަހީދު ވެގެން ވެއްޓިފައި ތިބި ދިވެހިން ލެއިން ތަތްތެޅިފައި ތިއްބާ ފެނިވަޑައިގަން ކަމަށާއި، ބައެއް ޝަހީދުންގެ ހަށިގަނޑުތައް އެތަންތަނުން ނެގުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ ވަޑައިގަތް ކަމަށް އުމަރު ވިދާޅުވިއެވެ.