ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް އުދުވާނީ ހަމަލާދިނުމުގައި އެންމެ އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިއަދު މާލެ އަންނާނެ ކަމުގެ އިޝާރާތްތަކެއް ކޮށްފިއެވެ.
ރޭގެ ވަގުތެއްގައި ލުތުފީގެ ނަމުގައި ޓްވީޓް ކުރަމުންދާ ޓްވިޓާ އެކައުންޓުން ވަނީ، އޭނާ މިއަދު މާލެ އަންނާނެ ކަމަށް ޓްވީޓް ކޮށްފައެވެ. އެގޮތުން އެ ޓްވީޓްގައި އޭނާ މާލެ އަންނަނީ އަމިއްލަ ރުހުމުގައި ކަމަށާއި، އޭނާއަށް އިންސާފު ލިބޭނެ ކަމުުގެ އުއްމީދު ކުރާ ކަމަށް ބުނެފައިވެއެވެ. އަދި އެ ޓްވީޓްގައި، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ލުތުފީއާ މެދު ކަންތައް ކުރި ގޮތާއި މެދު މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދަށް ޝުކުރު އަދާކޮށްފައި ވެސް ވެއެވެ.
ލުތުފީ އަނބުރާ ރާއްޖެ އަންނަ ކަމުގެ އިޝާރާތެއް ކޮށްފައި ވާއިރު، މިކަމާ ބެހޭގޮތުން ފޮރިން މިނިސްޓްރީ އަދި ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
މިކަމާ ގުޅިގެން މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވަނީ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް މިހާރު ބޭނުންވަނީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް އެކަނި ކަމަށާއި އެ ލިޔުން ލިބުމުން ވަގުތުން އޭނާ އަނބުރާ ގެންނާނެ ކަމަށް ވިދާޅުވެފައެވެ. މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ލުތުފީ އަނބުރާ ގެނައުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށްވެސް މިނިސްޓަރު އިމްރާން ވަނީ ވިދާޅުވެފައެވެ.
ލަންކާގެ ޕްލޮޓް ޖަމާއަތުގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު، ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރުވި އެވެ. އެ މައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ އޭނާގެ މައްޗަށް ވަނީ މަރުގެ ހުކުމެއް ކޮށްފައެވެ. ނަމަވެސް އެ ހުކުމް ފަހުން 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައެވެ.
ލުތުފީ ހުރީ މާލެޔަކުނޫންތަ؟