ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް އުދުވާނީ ހަމަލާދިނުމުގައި އެންމެ އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީގެ ހުކުމުގައި ބާކީ އޮތީ ހަތަރު އަހަރާއި ދުވަސްކޮޅެއް ކަމަށް މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ނޮވެމްބަރު 3ގެ ހަމަލައާ ގުޅިގެން ލުތުފީ އަށް އެންމެ ފުރަތަމަ ކުރެވުނީ މަރުގެ ހުކުމެއް ކަމަށާއި ނަމަވެސް އެ ހުކުމް ފަހުން 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ލުތުފީ ފިލާފައިވަނީ 2010 ވަނަ އަހަރު ޖެނުއަރީ 16 ވަަނަ ދުވަހު ކަމަށާއި، ހުކުމަށް މިހާރު ބާކީ އޮތީ ހަތަރު އަހަރާއި ދުވަސްކޮޅެއް ކަމަށެވެ. އެގޮތުން، ބޭސްފަރުވާ ކުރުމަށް މީހަކު ބޭރަށް ފޮނުވިއްޖެނަމަ، އެ ފޮނުވޭ ހިސާބުން އޭނާގެ މުއްދަތު ގުނުން ހުއްޓޭނެ ކަމަށާއި، އެ އުސޫލަށް ބަލާ ކަމަށްވާނަމަ އަދި ހަތަރު އަހަރާއި ދުވަސްކޮޅެއް ލުތުފީގެ ހުކުމުގައި ބާކީ އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ލުތުފީ އަނބުރާ ރާޢްޖެ ގެނައުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ކުރަމުން ދޭތޯ އަދި ލުތުފީ މިހާރު ހުރި ގައުމެއް އޮޅުންފިލުވުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހުގައި ތަޅުމުގައި ކުރުމަތިކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، 2014 އަހަރު ލުތުފީ ހުރި ތަނުގެ މައުލޫމާތު ލިބުނު ކަމަށާއި، އޭރު އޭނާ މާލެ ނުގެނެވުނީ އޭރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އުމަރު ނަސީރުގެ އިޒްނަ ނުލިބުމުން ކަމަށެވެ.

ލުތުފީ ކުރީގެ ސަރުކާރުގައި ނުގެނެވިފައި ވަނީ ކީއްވެގެންތޯ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ސުވާލުކުރެއްވުމުން އިމްރާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލުތުފީ އަނބުރާ ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ދެވުނު ކަމަށާއި، ނަމަވެސް އެކަން އޭރު ނުކުރެވުނީ ލުތުފީ އަނބުރާ ގެނައުމަަކީ އެވަގުތަށް މުހިންމު ކަމެއް ނޫން ކަމަށް އޭރުގެ ހޯމް މިނިސްޓަރު ފުލުހުންނަށް އިރުޝާދު ދީފައިވާތީ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އިމްރާން ވަނީ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް މިހާރު ބޭނުންވަނީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް އެކަނި ކަމަށާއި އެ ލިޔުން ލިބުމުން ވަގުތުން އޭނާ އަނބުރާ ގެންނާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ލުތުފީ އަނބުރާ ގެނައުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.