އަފްޣާނިސްތާނުގައި 18 އަހަރަށް ދިގުލާ ގޮސްފައިވާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި އަފްޣާނިސްތާނު ގެ ލީޑަރުންނާ ތޯލިބާނުންގެ މަންދޫބުންނާ ދެމެދު، ގަތަރުގެ ވެރިރަށް ދޯހާގައި މަތީ ފަންތީގެ ވަރުގަދަ މަޝްވަރާތަކެއް ފަށައިފިއެވެ.

މިއަދުގެ ނިޔަލަށް ކުރިއަށްދާ މި މަޝްވަރާތަކަކީ ގަތަރާ ޖަރުމަނުވިލާތުން ސްޕޮންސާކޮށްފައިވާ މަޝްވަރާތަކަކަށްވާއިރު، މިއީ މިފަދަ 3 ވަނަ ބައްދަލުވުމެވެ.

އަފްޣާނިސްތާނުގެ 50 މެމްބަރުންގެ ވަފުދުގައި ސިޔާސީ އިސްވެރިންގެ އިތުރުން ނޫސްވެރިންވެސް ބައިވެރިވަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

މިމަޝްވަރާތަކަކީ އަފްޣާނިސްތާނުގެ ސުލްހައިގެ މަޝްވަރާތަކުގެ މުސްތަގުބަލު ހަރުދަނާކުރުމަށް އެޅިގެންދާ މުހިންމު ބިންގަލެއްކަމުގައި ބައްދަލުވުމުގެ ބައިވެރިން ސިފަކުރެއެވެ. އެގޮތުން، އެއް މާހައުލަކުން ބައްދަލުކުރެވުމަކީވެސް މިކަމުގެ ހެއްކެއް ކަމުގައި ބައްދަލުވުމުގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.

އަފްޣާނިސްތާނު ސަރުކާރުގެ އޮފިޝަލުންނާ ބައްދަލުކުރުމަށް ތޯލިބާނުން އެއްބަސްވުމަކަށް އައީ، ސަރުކާރުގެ މަންދޫބުންގެ ގޮތުގައި މަޝްވާރަތަކަށް ހާޒިރުވުމުގެ ބަދަލުގައި އެބޭފުޅުން އަމިއްލަ ޒާތީ ފަރުދުންގެ ގޮތުގައި މަޝްވަރާތަކުގައި ތަމްސީލުކުރައްވަން ޝަރުތުކުރުމަށްފަހުގައެވެ.