ދެކުނުގެ ރަށެއްގައި އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މިމަހު ތިން ވަަނަ ދުވަހު ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އޭނާގެ ތިމާގެ މީހަކު ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެގޮތުން، މިދިޔަ މޭ މަހު ވެސް ދެކުނުގެ ރަށަކުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވަނީ ބަލާފައެވެ. މި މައްސަލައިގެ އެ ކުއްޖާގެ 13 އަހަރާއި 16 އަހަރުގެ ދެ ބޭބެގެ އިތުރުން 71 އަހަރުގެ، އެ ކުއްޖާގެ މަންމަގެ ލޯބިވެރިޔާއަށް ވެސް ވަނީ ތުހުމަތު ކޮށްފައެވެ. މި މައްސަލައިގައި 71 އަހަރުގެ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރު ވަމުން ދާއިރު، ޖެންޑާ މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މާޗުމަހުގެ ނިޔަލަށް ކުޑަކުދިންނަށް ލިބިފައިވާ އަނިޔާގެ 747 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އޭގެތެރޭގައި އެންމެ ގިނައީ ޖިންސީގޮތުން ގޯނާ ކުރުމުގެ މައްސަލައާއި ގެވެށި އަނިޔާގެ މައްސަލަތަކެވެ. އަންހެން ކުދިންނަށް ޖިންސީ ގޮތުން ގޯނާ ކޮށްގެން 200 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ އިރު ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކޮށްފައި ވާ 60 އާއި ގާތްކުރާ މައްސަަލަ ހިމެނެއެވެ.