ހދ. ކުޅުދުއްފުށި ޓާފް ދަނޑުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ކުޅުދުއްފުށީ ޓާފް ދަނޑުގައި ރޯވެ އަނދަމުންދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޯތް އޭރިއާ ކުޅުދުއްފުށި ފަޔާ ސްޓޭޝަނައަށް ލިބުނީ މިރޭ 19:59 ހާއިރު ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާއި އެކު، ކުޅުދުއްފުށި ފަޔާ ސްޓޭޝަނުގެ ސިފައިން އަލިފާން ނިއްވުމަށް ކުރި މަސައްކަތުން މިރޭ 20:10 ހާއިރު މި އަލިފާން ގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކުޅުދުއްފުށީ ޓާފް ދަނޑުގައި އަލިފާން ރޯވުމުގެ ސަބަބުން ދަނޑަށް ގެއްލުން ލިބިފައި / ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ކުޅުދުއްފުށީ ޓާފް ދަނޑަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

ރާއްޖޭގައި ހިނގާ މިފަދަ އަލިފާނުގެ ހާދިސާތަކަށް ބަލާލާއިރު، މިދިޔަ މަހު ފަހުކޮޅު، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ކޮންވެންޝަން ސެންޓަރު އަލިފާން ރޯވްުމުގެ ސަބަބުން އެމްއެންޑީއެފްގެ ސަތަން އޭރިއާ ހިތަދޫ ފަޔާ ސްޓޭޝަނުން ވަނީ އެ ސަރަހއްދުގައި ހަރަކާތްތެރިވެފައެވެ.

އެ ހާދިސާގައި ގާތްގަނޑަކަށް 200 މީޓަރެއްހާ ސަރަހައްދެއްގައި އަލިފާން ރޯވެފައިވާ ކަމަށާއި ބޮޑަށް އަލިފާން ރޯވެފައި ހުރީ ކަށިކެޔޮ އަދި ބުރު ގަސްތަކުގައި ކަަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.