ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 2019 ވަނަ އަހަރު ދެ ވަނަ ކޯޓާގައި ހައްޖަށް ދިޔުމަށް ޖާގަ ލިބޭ ފަރާތްތަކުގެ ލިސްޓް އެ ކޯޕަރޭޝަނުން އާންމު ކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ، އެ ކޯޕަރޭޝަނުން އާންމު ކުރި ލިސްޓްގައި ހިމެނެނީ ފައިސާ ދެއްކުމަށްފަހު ޖާގަ ކަށަވަރުކޮށްފައިވާ ފަރާތްތަކާއި، ޖާގަ ކަށަވަރުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ 45 އަހަރުންދަށުގެ އަންހެން ބޭފުޅުންގެ މަހްރަމުންގެ ގޮތުގައި ޖާގަދެވިފައިވާ ފަރާތްތަކުގެ އިތުރުން ކޯޓާގެ ބައެއް އުމުރުން 70 އަހަރުންމަތީގެ ފަރާތްތަކަށް ހާއްސަކޮށްފައިވާތީ، އެޖާގަތަކުގައި ދިޔުމުގެ ފުރުސަތު ލިބޭ ފަރާތްތައް ކަމަށެވެ.

އެ ކޯޕަރޭޝަނުން ވަނީ، ހައްޖަށް ދިއުމުގެ ޖާގަ ލިބިފައިވާ ފަރާތްތައް، ހައްޖު ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން “ހައްޖަށް ވަޑައިގަތުމުގެ ދައުވަތު” ނަންގަވާ، މުއްދަތު ހަމަވާ ތާރީބުގެ ކުރިން ދައުވަތުގެ ޖަވާބު ދެއްވުމަށް އެދިފައެވެ. އަދި ދައުވަތު ގަބޫލު ނުކުރާ ފަރާތްތަކުގެ ޖާގަ، ފައިސާ ދައްކަވާފައިވާ ތަރުތީބުން ލިސްޓުގައި ދެން ޖެހިގެން އޮންނަ ފަރާތަށް ދޭނޭ ކަމަސް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އާއްމު ގޮތެއްގައި ހައްޖު ކޯޓާގެ ގޮތުގައި ކޮންމެ އަހަރަކު ރާއްޖެއަށް 1000 ކޯޓާ ކަނޑައަޅާފައިވީ ނަމަވެސް ކޮންމެ އަހަރަކު ވެސް ސައުދީން މިއަދަދު 2000 އަށް އިތުރުކޮށްދެއެވެ. އެގޮތުން، މިދިޔަ އަހަރު ސައުދީން ރާއްޖެ އަށް 1000 ކޯޓާ އިތުރު ކޮށްދީފައި ވާއިރު، ހައްޖަށް މީހުން ފުރަން ފެށި ފަހުން ކޯޓާ އިތުރު ކޮށްދިނުމުގެ ސަބަބުން ބައެއް ކޯޓާތަކުގައި މީހުން ހައްޖަށް ފޮނުވިފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ސައުދީން ރާއްޖެއަށް އިތުރު 1000 ކޯޓާ ދީފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވުމާއި ގުޅިގެން، އެ ކޯޓާތައް ހައްޖު ޖަމާއަތްތަކާ ހަވާލު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.