ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހްމަދު އަޝްރަފް (ޝުމްބާ) ސްރީލަންކާގައި ހުއްޓާ، ރަހީނުކޮށްގެން މާލެ ގެނައި ކަމަށް ބުނާ މައްސަލަ ބަލައި ދިނުމަށް އެދިއްޖެއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ޝުމްބާ މިއަދު ފޮނުވި ސިޓީއެއްގައި އޭނާގެ ނުރުހުމުގައި ހައްޔަރުކޮށްގެން މާލެ ގެނައި މައްސަލަ ބަލައި ދިނުމަށް އެދިފައިވެއެވެ. އެގޮތުން އޭނާ ވަނީ ކުރީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިންގެ މައްޗަށް ތަހުގީގުކޮށް ދައުވާ ކޮށްދިނުމަށް އެދިފައެވެ.
ޝުމްބާ ދައުވާ ކޮށްދޭން އެދިފައިވާ ފަރާތްތަކުގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫންގެ އިތުރުން ލަންކާގައި އޭރު ހުރި އެމްބެސެޑަރު ޒާހިޔާ ޒަރީރު އަދި ފަސްޓް ސެކްރެޓަރީ ހަސަން އާދަމް ހިމެނެއެވެ. އަދި އެމްއެމްޑީއެފްގެ ޑިފެންސް އެޓޭޗް ކާނަލް އަހްމަދު ގީޔާސްއާއި އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފުގެ އިތުރުން، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްގެ މައްޗަށް ވެސް ދައުވާ ކޮށްދިނުމަށް ޝުމްބާ ވަނީ އެދިފައެވެ.
މިއަދު ޕޮލިސް ކޮމިޝަނަރަށް ފޮނުވި މި ސިޓީގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު އެއް ވަނަ ދުވަހު ޝުމްބާ ރަހީނު ކޮށްފައިވާ ކަމަށާއި، އެއަށްފަހު ބަޑި ޖައްސައިގެން އެވަގުތު އޭނާގެ ނުރުހުމުގައި ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގެންގޮސްފައިވާ ކަމަށް ޝުމްބާ ބުނެއެވެ. ޝުމްބާ ބުނީ، އޭނާ ރަހީނު ކޮށްފައިވަނީ ކޮން ބައެއް ކަން ނޭނގޭ ބަޔަކާއެކު ދިވެހި ފުލުހުން ލަންކާގެ ބޮރަލެސްގަމުވާގެ ގެއެއްގައި އޭނާ ހުއްޓައި ކަމަށެވެ.
ޝުމްބާ ހައްޔަރުކޮށްގެން މާލެ ގެނެސް އޭނާގެ މައްޗަށް ބިރުދެއްކުމުގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން އަހަރަކަށް ވުރެ ގިނަ ދުވަސް ޖަލުގައި ބެހެއްޓުމަށްފަހު، އޭނާ ގޭބަންދަށް ބަދަލުކުރީ 2017 ވަނަ އަހަރުގެ މާޗް އެއް ވަނަ ދުވަހެވެ. ޝުމްބާ ގޭބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ.
މީގެ އިތުރުން، ޝުމްބާ ލަންކާ އިން ހައްޔަރުކޮށްގެން ގެނައީ ލަންކާގެ ގާނޫނުތަކާ ހިލާފަށް ކަމަށް ލަންކާ ސަރުކާރާ ހަވާލާދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.