މަހާޖައްރާފުގެ ސަބަބުން، ފަޅުފުންކުރުމާއި ބިންހިއްކުމުގެ ދާއިރާއިން މިދިޔަ އަހަރު އެމްޓީސީސީ އަށް ގެއްލުންވެފައިވާ ކަމަށް ބުނެ އަނެއްކާވެސް މަހާޖައްރާފު މަޝްރޫއުތަކުގައި ބޭނުންކުރަނީ ކީއްވެގެންތޯ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ސުވާލު އުފައްދަވައިފި އެވެ.

އެމްޓީސީސީން އާންމުކުރި އެ ކުންފުނީގެ މިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ މަހާޖައްރާފުގެ ލޯނު ފައިނޭންސް ކުރުމުގެ ހަރަދު ބޮޑުވެ އެކަށީގެން ނުވާ އަގެއްގައި ބިން ހިއްކުމުގެ ސަބަބުން، ފަޅުފުންކުރުމާއި ބިންހިއްކުމުގެ ދާއިރާއިން މިދިޔަ އަހަރު އެމްޓީސީސީ އަށް ގެއްލުންވި ކަމަށެވެ.

އެމްޓީސީސީގެ މި ވާހަކަ އަށް ރައްދު ދެއްވަމުން ކުރީގެ ސަރުކާރުގައި އިކޮނަމިކް މިނިސްޓަރުކަން ވެސް ކުރެއްވި ސައީދު ވިދާޅުވީ މަހާޖައްރާފާ ހުރެ އެމްޓީސީސީ އަށް ގެއްލުންވީ ނަމަ، ބިން ހިއްކުމުގެ އަގުތަކަށް ބަދަލުގެނެސް މި ދައުރުގައި ވެސް ބިން ހިއްކަން ނިންމެވީ ހަމަ އެ މަހާޖައްރާފުން ނޫންތޯ ވިދާޅުވެފަ އެވެ.

"އެހެންވީމާ ގެއްލުންވީ މަހާޖައްރާފާ ހުރެއެއް ނޫނެއް ނޫންތޯއެވެ. މިއީ ދިވެހިންގެ އަމިއްލަ މިލްކިއްޔާތެކެވެ. ހިއްކާނެ ފަޅުތަކާއި ރަށްތައް ރާއްޖޭގައި ގިނައެވެ. އާމްދަނީ އިތުރު ކުރުމުގެ ވާހަކަ އަޑު ހަރުކޮށް ދައްކާ ނަތީޖާ ނެރުމަށް ކުންފުނިތަކުގެ މެނޭޖްމެންޓުން މަސައްކަތް ކުރުން މުހިންމު ކަމުގައި ދެކެމެވެ،"
މަޖިލިސް މެންބަރު އަދި ކުރީގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު

އެމްޓީސީސީގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ ފަޅުފުންކުރުމާއި ބިންހިއްކުމުގެ ދާއިރާއިން ގިނަ މަޝްރޫއުތަކެއްގައި މަސައްކަތް ކުރެވިފައި ވީނަމަވެސް، ވޭތުވެދިޔަ އަހަރު އެ ދާއިރާއިން 13.60 މިލިއަން ރުފިޔާ ގެއްލުންވެފައިވާ ކަމަށެވެ.

އެމްޓީސީސީގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ މި ދާއިރާއިން ލިބުނު ގެއްލުމުގެ މައިގަނޑު ސަބަބަކީ، މަހާޖައްރާފު ގަތުމަށް ނަގާފައިވާ ލޯނު ފައިނޭންސް ކުރުމުގެ ހަރަދު ބޮޑުވުމާއި ހަރަދާ އެކަށީގެންނުވާވަރުގެ ކުޑަ އަގެއްގައި ބިންހިއްކުމުގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ކުރިމަތިކުރުވި ފިއްތުންތަކާ ހެދި ކަމަށެވެ.

މިދިޔަ އަހަރުގެ އެމްޓީސީސީން ހަތް ރަށެއްގެ ބިން މަހާޖައްރާފް ބޭނުންކޮށްގެން ހިއްކާފައިވެއެވެ. އެ މަޝްރޫއުތަކުގެ ތެރޭގައި ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ކ. މަޑިވަރު، ކ. ކަގި، ށ. ކޮމަންޑޫ، ކ. ގުރައިދޫ އަދި ކ. ހުރާގެ ބިންހިއްކުމުގެ މަޝްރޫއުތައް ހިމެނެއެވެ. ނަމަވެސް އެމްޓީސީސީގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ މި މަޝްރޫއުތައް ހިންގާފައިިވަނީ ނުބައްދަލު އަގުގައި ކަމަށެވެ.