އޭނާގެ ބެލުމުގެ ދަށުގައި ތިބި 2 އަންހެންކުއްޖަކު ރޭޕުކޮށް، 6 އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް ފުރާސަރަ ކުރިކަމުގެ ކުށުގެ ތުހުމަތުގައި، ބަންގްލަދޭޝްގެ ދީނީ މަދަރުސާއެއްގެ ޕުރިންސިޕަލް ހައްޔަރު ކޮށްފައި ވާކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ރޭޕާއި ޖިންސީ ގޯނާއާއި ފުރައްސާރައިގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ޢަބްދުލް ޣައިރު ބިލާލީ ނަމަކަށް ކިއާ މީހެކެވެ. ފާއިތުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައިވެސް ބަންގްލަދޭޝްގެ ދީނީ މަދަރުސާއެއްގެ ޕުރިންސިޕަލަކު ވަނީ، ހަމަ މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ހައިސްކޫލް 2 ޓީޗަރަކު 20 ދަރިވަރަކު ރޭޕްކުރި މައްސަލައެއްވެސް ހަމަ މިދަނޑިވަޅުގައި ވަނީ ފެންމަތިވެފައެވެ.

ބަންގްލަދޭޝްގެ ޕޮލީސް ޗީފް މުޙައްމަދު ރާޝިދުއްޒަމާން ވިދާޅުވީ، މިސްކިތުގެ އިމާމްކަންވެސް ކުރަމުންދިޔަ ބިލާލީ ހައްޔަރުކޮށްފައިވަނީ، ބިލާލީގެ ރޭޕްގެ ޝިކާރައަކަށްވެފައިވާކަމުގެ ޝަކުވާ، އުމުރުން 11 އަހަރުގެ ދަރިވަރަކު، އޭނާގެ މައިންބަފައިން ގާތު ބުނި ހިސާބުންނެވެ.

ބިލާލީ މަސައްކަތްކުރަމުންދިޔަ މަދަރުސާއަކީ، ކައިރި އަވަށްތަކުގެ ކުދިން ނިދާ ހަދާ ދަނާލެއްގެ ގޮތުގައިވެސް ބޭނުންކުރަމުންދާ ތަނެކެވެ.

ރާޝިދުއްޒަމާން ވިދާޅުވީ، 2 އަންހެންކުއްޖަކު ރޭޕުކޮށް، 6 އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް ފުރާސަރަކުރިކަމުގެ ކުށަށް ބިލާލީ އިއުތިރާފުވެފައިވާކަމަށެވެ.

މިހާދިސާއާއި ގުޅިގެން އެތައް ސަތޭކަ ބަޔަކު ވަނީ ބަންގްލަދޭޝްގެ މަގުތަކަށް ނިކުމެ، ޕުރިންސިޕަލަށް ހައްގު އަދަބު ދިނުމަށް ގޮވާލާ އަޑުއުފުލާފައެވެ.

ރޭޕްއާއި ޖިންސީ ފުރައްސާރައާއި ގޯނާގެ މައްސަލަ ކަންބޮޑުވާ ދަރަޖައަކަށް، ބަންގްލަދޭޝްގައި ދަނީ އިތުރުވަމުންނެވެ.