އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު އާމިނަތު މިންނާ އައްޔަން ކޮށްފިއެވެ.

އޭސީސީން ބުނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ކޮމިޝަނުގެ މެންބަރު މިންނާ ނައިބު ރައީސްކަމަށް އައްޔަން ކުރަން ކޮމިޝަނުގެ މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

މިންނާ އެސީސީގެ ނައިބު ރައީސްކަމަށް އައްޔަން ކުރި އިރު، އެ މަގާމުގައި ހުންނެވި މުއައްވިޒު ރަޝީދު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަން ކޮށްފައެވެ.

މުއައްވިޒު އޭސީސީގެ ރައީސްކަމަށް އައްޔަން ކުރީ، އެ މަގާމުގައި ހުންނެވި ހަސަލް ލުތުފީ އޮފީހަށް ނުނުކުންނަވާ މުސާރަ ނަންގަވާ މައްސަލައިގައި އޭނާ ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމުން އަމިއްލައަށް އިސްތިއުފާ ދެއްވުމުންނެވެ.

މިދިޔަ ފެބްރުއަރީ މަހު ލުތުފީ ޗުއްޓިއަށް ވަޑައިގެންނެވި ގޮތަށް އޮފީހަށް ނުކުމެވަޑައި ނުގަންނަވައެވެ. އަދި އެފަހުން އޭނާއާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލައެއް ވަނީ އޭސީސީއަށް ހުށަހަޅާފައެވެ.