ހަރަދު ކުޑަކުރަން ކަމަށް ބުނެ ގެނައި މަހާޖައްރާފުގެ ލޯނު ފައިނޭންސް ކުރުމުގެ ހަރަދު ބޮޑުވެ އެކަށީގެން ނުވާ އަގެއްގައި ބިން ހިއްކުމުގެ ސަބަބުން، ފަޅުފުންކުރުމާއި ބިންހިއްކުމުގެ ދާއިރާއިން މިދިޔަ އަހަރު އެމްޓީސީސީއަށް ގެއްލުން ވެއްޖެއެވެ.

އެމްޓީސީސީގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ ފަޅުފުންކުރުމާއި ބިންހިއްކުމުގެ ދާއިރާއިން ގިނަ މަޝްރޫއުތަކެއްގައި މަސައްކަތް ކުރެވިފައި ވީނަމަވެސް، ވޭތުވެދިޔަ އަހަރު އެ ދާއިރާއިން 13.60 މިލިއަން ރުފިޔާ ގެއްލުން ވެފައިވާ ކަމަށެވެ.

އެމްޓީސީސީގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ މި ދާއިރާއިން ލިބުނު ގެއްލުމުގެ މައިގަނޑު ސަބަބަކީ، މަހާޖައްރާފު ގަތުމަށް ނަގާފައިވާ ލޯނު ފައިނޭންސް ކުރުމުގެ ހަރަދު ބޮޑުވުމާއި ހަރަދާ އެކަށީގެން ނުވާވަރުގެ ކުޑަ އަގެއްގައި ބިންހިއްކުމުގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ކުރިމަތި ކުރުވި ފިއްތުންތަކާ ހެދި ކަމަށެވެ.

މިދިޔަ އަހަރުގެ އެމްޓީސީސީން ހަތް ރަށެއްގެ ބިން މަހާޖައްރާފް ބޭނުން ކޮށްގެ ހިއްކާފައި ވެއެވެ. އެ މަޝްރޫއުތަކުގެ ތެރޭގައި ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ކ.މަޑިވަރު، ކ.ކަގި، ށ.ކޮމަންޑޫ، ކ.ގުރައިދޫ އަދި ކ.ހުރާގެ ބިންހިއްކުމުގެ މަޝްރޫއުތައް ހިމެނެއެވެ. ނަމަވެސް އެމްޓީސީސީގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ މި މަޝްރޫއުތައް ހިންގާފައިިވަނީ ނުބައްދަލު އަގުގައި ކަމަށެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ މި ދާއިރާ އަލުން ދިރުވައި، މިއަހަރު މި ދާއިރާއިން ހިންގާ މަޝްރޫއުތަކަކީ ކުންފުންޏަށް ރަނގަޅު ފައިދާއެއް ވާވަރުގެ އަގެއްގައި ހިންގާ މަޝްރޫއު ތަކެއްކަން ކަށަވަރު ކުރުން ކަމަށެވެ.

މިދިޔަ އަހަރު ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތުން ކުންފުންޏަށް ލިބުނީ 224 މިލިއަން ރުފިޔާއެވެ. އެއީ ކުންފުނީގެ ޖުމްލަ އާމްދަނީގެ 17.41 ޕަސެންޓު ކަމަށް ވާއިރު، މިއީ އޭގެ ކުރީ އަހަރާ ޅާބަލާއިރު 149.3 ޕަސެންޓް އިތުރު އަދަދެއް ކަމަށް އަހަރީ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި މިއަހަރުގެ އަމާޒަކީ މި ދާއިރާއިން 901 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުން ކަމަށް އެމްޓީސީސީން ބުނެއެވެ.

މިދިޔަ ސަރުކާރުން މަހާޖައްރާފު ގެނެސްފައި ވަނީ 2017 ވަނަ އަހަރު ހަރަދު ކުޑަ އަގެއްގައި ރަށްރަށުގެ ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަގުސަދުގައެވެ. މަހާޖައްރާފު ބަނީ، ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގައެވެ. މަހާޖައްރާފަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ހުރި ދިގުމިނުގައި 90 މީޓަރު ހުންނަ، މި ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭ ގާބިލްކަން ލިބިފައިވާ ކޮންނަ ބޯޓެކެވެ.

މަހާޖައްރާފު ބަންނަން 36 މިލިއަން ރުފިޔާ އެމްޓީސީސީން ވަނީ ހޭދަކޮށްފައެވެ.