ތުއްތު ދަރިފުޅު ބޮޑުވަމުން އަންނައިރު މައިންބަފައިންނަށް ކުރިމަތި ލާންޖެހޭ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޮޑާ ދެއްކުމުގެ ހަނގުރާމައަކާ ކުރިމަތި ނުލާައި މައިންބަފައިންވެސް ވަރުބަލި ނުވެ، އެ ދަރިފުޅު ނިންދެވުމޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ބައެއް ފަހަރު ދަރިފުޅު ރުއްސަން ކޮށްފައި ނުކުރާނެ ކަމެއް ނޭނގޭ ދަރަޖައަށް ގޮސް، ދަރިފުޅު ނިންދަވަން އުޅޭ މީހާ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރުބަލިވާ ފަހަރުވެސް އާދެއެވެ. ނަތީޖާއަކަށް ވަނީ ދަރިފުޅު ނިދާނެ އިރަކުން ނިދަން، ނުވަތަ ނިދި އައިއިރަކުން ނިންދަވަން ދޫކޮށްލެވުމެވެ. ނަމަވެސް ފަހުގެ ހޯދުންތައް ދައްކާ ގޮތުން، މިއީ މިކަން ކުރަން އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ކަނޑައަޅާފައި އޮންނަ ވަކި ވަގުތެއްގައި ދަރިފުޅު ނިންދެވުމުގެ ފައިދާތައް އިންތިހާއެވެ.

ފަހުގެ ހޯދުންތައް ދައްކާ ގޮތުން، ގަވައިދުން އެއް ވަގުތެއްގައި ނުނިންދަވާ ކުދިންގެ ކިބައިން އަހުލާގީ މައްސަލަތައް ފާހަގަވާ މިންވަރު އިތުރުވެއެވެ.

ބައްޕަ ނިދަން އުޅޭއިރުވެސް ނުނިދާންވެގެން ކޮޅަށް އިން ކުޑަކުއްޖެއް/ފޮޓޯ: ބޭބީސެންޓާ

ޕީޑިއަޓްރިކްސް ޖާނަލްގައި އާންމުކޮށްފައިވާ ދިރާސާއެއް ބުނާ ގޮތުގައި، މި ދިރާސާގައި ބައިވެރިވި މައިންބަފައިންގެ ތެރެއިން އެމީހުންގެ 3 އަހަރުގެ ދަރިފުޅު، ނުނިންދަވާ ކަމަށް 20 ޕަސެންޓް މީހުން ވަނީ ބުނެފައެވެ. ދިރާސާގެ ހޯދުންތަކުން ދެއްކި ގޮތުގައި، މި ކުދިންނަކީ އުފާވެރިކަން ގެއްލުމާއި، ކަންކަމަ ފަރުވާލެއް ނުބެހެއްޓުން ފަދަ މައްސަލަތަކާ ކުރިމަތި ވެފައިވާ ކުދިންނެވެ. މި ކުދިންގެ ސްކޫލުންވެސް މައުލޫމާތު އެއްކޮށްފައި ވާއިރު، ގަވައިދުން އެއް ވަގުތެއްގައި ނުނިދާ ކުދިންގެ އަހުލާގުގައި އެނޫން ކުދިންނާ އަޅާ ބަލާއިރު މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ.

ދިރާސާކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ވޯން ކެލީ ބުނާ ގޮތުގައި އެއް ރޭ 8 ޖަހާއިރު، އަނެއް ރޭ 10 ޖަހާއިރު ދަރިފުޅު ނިންދެވުމުން ޖެހިގެން އަންނަ ދުވަހު އެ ދަރިފުޅަށް ހުންނާނީ "ޖެޓްލެގް"ގެ އަސަރު ކޮށްފައެވެ. ނިދާފައި އޮތީ ދެ ރޭވެސް ޖުމުލަ އެއް ދިގުމިނުގެ ވަގުތުގައި، މިސާލަކަށް 8 ގަޑި އިރު، ކަމުގައި ވީ ނަމަވެސް މިކަން އޮންނާނީ މިހެންކަން ކެލީ ވަނީ ފާހަގަ ކޮށްފައެވެ.

ދަ ކޮންވާޝަންއަށް ލިޔެފައިވާ ލިޔުމެއްގައި ކެލީ ބުނެފައި ވަނީ، މަތިންދާބޯޓެއްގައި ދަތުރު ނުކުރިއެއް ކަމަކު، އެކި ރޭ އެކި ގަޑީގައި ދަރިފުޅު ނިންދަވާ ނަމަ، ދަރިފުޅުގެ ހަށިގަނޑުގައި ވާ "ގަޑި"އަ ށް އެކަން އެނގި، ހޯމޯންތަކާ ކުޅެލާ ކަމަށެވެ. އަދި މި ގޮތަށް ކުއްޖާއަށް ކުރާ ނޭދެވޭ އަސަރަކީ، ދިރިއުޅުމުގެ އާދަތަކަށް ގެންނަ ހެޔޮ ބަދަލާ އެކު، ރަނގަޅު ކުރެވޭނެ އަސަރު ތަކެއް ކަން ވެސް ކެލީ ވަނީ ފާހަގަ ކޮށްފައެވެ.

ނިދާފައި އޮތް ކުޑަކުއްޖެއް/ފޮޓޯ: ޓުޑޭޒް ޕޭރަންޓް

ފަހުގެ ހޯދުންތައް ދައްކާ ގޮތުން އުމުރުން 1 އަހަރާ 3 އަހަރާ ދެމެދުގެ ކުދިންނަކީ ރޭގަނޑުގެ ވަގުތު ތަކުގައި 9 ގަޑި އިރާއި 11 ގަޑި އިރާ ދެމެދު އަދަދަކަށް ނިދި ހަމަކުރަންޖެހޭ ކުދިންނެވެ. އަދި މިކުދިންނަކީ ދުވާލުގެ ވަގުތު ތަކުގައި 1 ގަޑިއިރާ ދޮޅުގަޑި އިރާ ދެމެދު ވަގުތަކަށް ނިދަންޖެހޭ ކުދިންނެވެ. ދަރިފުޅުގެ އުމުރުން 4 އަހަރު ފުރުމާ އެކު ސްކޫލް އުމުރު ފުރާ ނިމެންދެކަށް ރޭގަނޑުގެ ވަގުތު ތަކުގައި އެންމެ މަދުވެގެން 10 ގަޑިއިރާ 13 ގަޑިއިރުގެ ނިދި ހަމަކުރަން ޖެހޭނެއެވެ.