ކ. މާފުށި މޫދަށް އެރި އުޅެނިކޮށް ކުޑަކުއްޖަކު މަރުވެއްޖެއެވެ.

މޫދަށް އެރި އުޅެނިކޮށް މަރުވީ އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖެވެ. އޭނާ މަރުވީ، އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލުމަށް މާފުށްޓަށް ގޮސް، އެރަށުން ކުއްޔަށް ހިފައިގެން އުޅުނު ގެއާ ދިމާލު މޫދަށް އެރި އުޅެނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެ ކުއްޖާ މިހާރު ވަނީ އެރަށު ހެލްތް ސެންޓަރަށް ގެންގޮސް ކަމަށާއި، މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ އިދާރީ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ކުއްޖެކެވެ. ޖޭޕީގެ ފަރާތުން މިކަން ކަށަވަރު ކޮށްދީފައި ވާއިރު ޖޭޕީން ބުނީ، މަރުވެފައި ވަނީ އެ ޕާޓީގެ އިދާރީ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުގެ ފަސް ކުދިންގެ ތެރެއިން އުމުރުން ހަތަރު އަހަރުގެ ކުއްޖާ ކަމަށެވެ.

މިކަމާ ގުޅިގެން، ފުލުހުން ވަނީ މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް، މިކަމާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.