ރޭ އިރާކޮޅު މ. އުޖާލާގެއަށް ވަދެ މީހަކު ހައްޔަރުކުރަން އުޅެ، ފުލުހުން އަނިޔާވެރި ގޮތަކަށް އެމީހާ ގައިގައި ތަޅާ އަނިޔާ ކުރި މައްސަލައިގައި، އެ އޮޕަރޭޝަނުގައި ހިމެނޭ ފުލުހުން ވަޒީފާއިން ވަކިކޮށް ހައްޔަރު ކުރުމަށް އާންމުން އަޑު އުފުލަން ފަށައިިފިއެވެ.
ރޭ އުޖާލާގެއިން މީހަކު ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ހިފައިގެން ވަނީ ހަ ފުލުހެކެވެ. އަދި އެ ފުލުހުން ވަނީ އެމީހާ ގައިގައި އަތުންނާއި ފައިންނާއި ގާ ބުރިން ވެސް ތަޅާފައެވެ. ރޭ އާންމުވި ވީޑިއޯގައި ފެންނަނީ ދެ ފުލުހަކު ވެގެން އެމީހާ ގައިގައި ހިފަހައްޓާފައި ހުރި ތަނެވެ. އަދި އެތަނުން އެހެން ފުލުހަކު އޭނާގެ މޫނުމަތީގައާއި ބޮލުގައި އަތުން ތަޅައެވެ. އަދި އޭނާގެ ފަހަތުގައި ހުރި ފުލުހަކު އަރައިގެން ހުރި ބޫޓުން އޭނާގެ ބުރަކަށީގައި ޖެހި އިރު، އެހެން ފުލުހަކު ވަނީ ގާބުރިއަކުން އޭނާގެ އަތުގައި ތަޅާފައެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި މި އޮޕަރޭޝަންގައި ހިމެނެނީ ހަ ފުލުހެއް ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލަ ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި، ފުލުހުންނާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އަންނަނީ ތަހުގީ ކުރަމުންނެވެ.
މި އޮޕަރޭޝަންގައި އެމީހާއަށް އަނިޔާކުރި ފުލުހުން ވަޒީފާއިން ވަކިކޮށް ހައްޔަރު ކުރުމަށް ގޮވަމުންދާ މީހުން ބުނަމުންދަނީ އެ ފުލުހުން ސަސްޕެންޑް ކުރާކަށް ނުޖެހޭ ކަމަށާއި، އެމީހުންގެ މައްޗަށް ޖިނާއީ ދައުވާކޮށް އަނިޔާކުރުމުގެ ސަގާފަތް ފޮހެލެވެން ޖެހޭނެ ކަމަށެވެ. "މާރާމާރީއެއް ހިންގީ ހަމަ. އެއަށް ނުކިޔާނެ ބަލާ ފާސް ކުރުމެއް، އެއަށް ކިޔާނީ ތަޅާ ފާސްކުރުން." އާންމުންގެ މީހަކު ކުރި ޓްވީޓުގައި ބުނެފައިވެއެވެ.
ފުލުހުންގެ އެހީތެރިކަން އާންމުންނަށް ފޯރުކޮށްދޭ ފޮޓޯތަކާއެކު އެހެންމީހަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ދިވެހި ފުލުހުންގެ އެ މަންޒަރުތައް ފެނި، ފުލުހުންނާ މެދު އިތުބާރު އާވި ކަމަށެވެ. ނަމަވެސް ރޭގަ އެ ފެނުނު މަންޒަރުގެ ސަބަބުން ކުރެވެމުން ދިޔަ އިތުބާރު ވަނީ މިހާރު ގޮސްފައި ކަމަށާއި، މަދު ބަޔަކު ކުރި ކަމަކުން މުޅި މުއައްސަސާގެ އަގު ވެއްޓުނު ކަހަލަ ކަމަށެވެ.
މިކަމާ ގުޅިގެން ގާނޫނީ ވަކީލު ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހަކަށް ވިޔަސް އާންމު އެހެން ރައްޔިތުންނާ ތަފާތު ކުރެވިގެން ނުވާނެ ކަމަށާއި ފުލުހުން ކުށް ކުރާ މައްސަލަތަކުގައި ވެސް އެ މީހުން ހައްޔަރުކޮށް ކުރި ކަންތައްތައް ފުލުހުންގެ އިދާރާއަށް ބެލެން ޖެހޭނެ ކަމަށެވެ.
ޝަމީމް ވިދާޅުވީ އާންމު އުސޫލާ އެއް ގޮތަށް، ރޭގެ ކުށުުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފުލުސް އޮފިސަރުންތައް ހައްޔަރުކޮށް ބަންދާ ގުޅޭ ގޮތުން ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރަން ޖެހޭނެ ކަމަށާއި ގާނޫނުލްއުގޫބާތުގައިވާ ގޮތަށް 30 ދަވަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ހަމައަށް މައްސަލަ ގެންދަން ޖެހޭނެ ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން އެ މައްސަލައިގައި ހިމެނޭ ފުލުހުން ސަސްޕެންޑް ކުރައްވައި މައްސަލަ ބައްކަވާނެ ކަމަށް ރޭގައި ކޮމިޝަނާއޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. ހަމީދު ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުން ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ އަނިޔާކުރި މީހުން ހިމާޔަތް ކުރަން މަސައްކަތް ނުުކުރެއްވީތީ ތައުރީފު ކުރައްވާ ކަމަށެވެ. ނަމަވެސް އެޅުއްވި ފިޔަވަޅަކީ އެންމެ އެކަށޭނެ ފިވަޅުތޯ މައުމޫން ހަމީދު ސުވާލު އުފެއްދެވިއެވެ.
ރޭގައި ފުލުހުން އަނިޔާކުރި މީހާއަށް ލިބިފައިވާ އަނިޔާއާއި ޒަހަމްތަކުގެ ފޮޓޯތައް މިއަދު ވަނީ ޓްވިޓާގައި އާންމުކޮށްފައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާގެ އަތާއި ބުރަކަށްޓަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ. އަދި ތަންތަން ވަނީ ދުޅަވެ ރަތްވެފައެވެ.
މީގެ އިތުރުން ރޭގެ އޮޕަރޭޝަންގައި ބައިވެރިވެ އަނިޔާކުރި ފުލުހުންގެ ފޮޓޯތައް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.
ބައެއް ފަރާތްތަކުން އަންނަނީ މި ފުލުހުން ސަސްޕެންޑް ނުކޮށް ވަގުތުން ވަޒީފާއިން ވަކިކުރުމަށް ގޮވާލަމުންނެވެ. "އާންމު ރައްޔިތަކު މީހެއް ގައިގައި ޖެހީމަ ތަހުގީގުކޮށް ޖިނާއީ ކުށަކަށް އޮންނަ އަދަބު ދީފައި، ޔުނީފޯމްގައި ހުންނަ މީހަކު ސަސްޕެންޑްއެއް ނޫން ވާންޖެހޭނީކީ. ޔުނީފޯމްގައި ހުރެގެން އެކަން ކުރީމަ އެކުރެވުނީ ދެ ކުށް،" އާންމު މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ރޭގެ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާ މިއަދު ބައްދަލު ކުރައްވާފައެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ. ކޮމިޝަނަރުގެ މި މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
ފުލުހުން ތިޔަކުރީ އަސްލު ހަކުރޭސް މެނާއި ޑީލް ކުރަން އެންމެ ރަގަޅުގޮތަށް... މިކަމުގައި ބައިވެރިވި ފުލުހުންނަށް ޑަބަލް ޕްރަމޯސަން ދީފަ ފުލެޓު ދިނުމަށް ގޮވާލަން ދެކޮޅުހަދާ މީހުން ހައްޔަރުކޮށް އަދަބުދީ