ހުޅުމާލޭ ސެންޓަރަލް ޕާކު ދެކުނުފަރާތުގައި ހަދަމުން ދިޔަ އިމާރާތެއްގެ ލިފްޓް ވެއްޓި ބިދޭސީ އަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ޖާ އިންވެސްޓްމަންޓް އިން ހުޅުމާލޭ ސެންޓްރަލް ޕާކު ދެކުނު ފަރާތުގައި ހަދަމުން ދާ އިމާރާތެއްގައި ބޭނުން ކުރަމުން ދިޔަ ލިފްޓް ވެއްޓިފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގީ، ހަތް ވަނަ ފަންގިފިލާ އިން އެއްޗެހި ތަކެއް ބާލަން އުޅުމުގެ ތެރޭގައި ލިފްޓުގެ ކޭބަލް ކަނޑައިގެން ގޮސްގެން ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި، ލިފްޓުގައި ހުރި ބިދޭސީ ފިރިހެން މީހާއަށް އަނިޔާ ވެފައިވާ ކަމަށާއި، އޭނާއަށް ފަރުވާ ދިނުމަށް މިއަދު ހެނދުނު 9:15 ހާއިރު ހުޅުމާލޭ ހޮސްޕިޓަލަށް ގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންދަ ކަމަށެވެ.

އިމާރާތްތަކުން މީހުން ވެއްޓި އަނިޔާވުމާއި މަރުވުމަކީ، މިފަހަކަށް އައިސް ހިނގަމުން އަންނަ ކަމެކެވެ. އެގޮތުން މިދިޔަ މާޗް މަހު، ހުޅުމާލެ ފޭސް ދޭއްގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ވެއްޓި ޗައިނާ މީހަކު ވަނީ މަރުވެފައެވެ. އޭނާ ވެއްޓިފައި ވަނީ ހަވަނަ ޓަވަރުގެ ނުވަ ވަނަ ފަންގިފިލާއިން އެ ޓަވަރުގެ ދެ ވަނަ ފަންގިފިލާއަށެވެ.

މީގެ އިތުރުން މިދިޔަ ފެބްރުއަރީ މަހު ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެެއްޓުނު ގަލަކުން ޖެހި ބަންގްލަދޭޝް ރައްޔިތަކު މަރުވެފައިވާ އިރު، މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ކުޑަކުއްޖަކުވެސް ވަނީ މަރުވެފައެވެ.