ރޭ މާފަންނު ގެއެއްގައި މީހަކަށް އަނިޔާކުރި މަންޒަރު ވީޑިއޯ ކުރިކަމަށް ބުނެ ފުލުހުން އެހެން ގެޔަކަށް ވަދެ އެގޭގެ މީހުންނަށް ބިރުދައްކައިފިއެވެ.

މިކަން ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. ހަތަރު ވަރަކަށް ފުލުހުން މ. އުޖާލާގެއަށް ވަދެ މީހަކު ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އެމީހާއަށް އެކި ކަހަލަ އަނިޔާކުރި މަންޒަރު ރެކޯޑް ކުރިކަމަށް ބުނެ، ފުލުހުން ވަނީ އުޖާލާގޭގެ ކުރިމަތީގައި ހުރި މ. ބަޑިކުޅިގެއަށެވެ. އެއީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރުގެ ގެއެވެ.

އަނިޔާކުރި ފުލުހުން އެ ގެއަށް ވަދެ ބިރުދެއްކި ކަމަށް ބުނެ އަނަސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެ އޮޕަރޭޝަންގައި އުޅުނު ފުލުހުންތަކެއް އެގެއަށް ވަދެ ސުވާލު ކުރީ އަނިޔާކުރި ވަގުތު ވީޑިއޯ ނެގީ ބަޑިކުޅިގޭގައި ތިބި ބަޔަކު ކަމަށް ތުހުމަތު ކުރެވޭތީ އެކަމާ މެދު ކަމަށެވެ. އަދި އެގޭގެ ދެ ފްލޯއަކަށް ފުލުހުން ވަން ކަމަށާއި ފޯނު ފާސްކޮށް، ވީޑިއޯ ޑިލީޓް ކުރުމަށް ވެސް ފުލުހުން މަސައްކަތް ކުރި ކަމަށް ވެސް އަނަސް ވިދާޅުވިއެވެ.

އެ ފުލުހުން ގެއަށް ވަނީ ކޮން ހައިސިއްޔަތަކުންތޯ ސުވާލު ކުމުން އެއީ ފުލުހުން ހިންގާ އޮޕަރޭޝަނެއް ކަމަށް އެގެެއަށް ވަން ފުލުހުން ބުނެފައިވާ ކަމަށް ވެސް އަނަސް ވިދާޅުވިއެވެ.

"މި އަމަލު ހިންގި ފުލުހުންނާ މެދު ގަވާއިދުން ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވީތީ ކޮމިޝަނަރަށް ޝުކުރިއްޔާ،"
އަނަސް އަބްދުއްސައްތާރު

މާފަންނު ގެއަކަށް ފުލުހުން ރޭ ވަދެ އޮޕަރޭޝަނެއް ހިންގީ، ކޯޓު އަމުރަކާ އެކު އެވެ. އަދި އެއީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުވެގެން ފުލުހުން ހިންގި އޮޕަރޭޝަނެއް ކަމަށް ބުނެފައިވެއެވެ.

އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ ގެއެއްގެ ތެރޭގައި މީހަކު ހައްޔަރު ކުރުމަށް ކުލަ ހެދުމުގައި ތިބި ފުލުހުން ތަކެއް މަސައްކަތް ކުރާ އިރު އެމީހާއަށް އަނިޔާ ކުރާ ތަނެވެ. ފުލުހުންގެ ތެރެއިން އެކަކު އެމީހާގެ އަތުގައި ގާބުރިއަކުން ޖަހާ އިރު، އަތުންނާއި ފައިންވެސް އެމީހާ ގައިގައި ތަޅާތަން ފެނެއެވެ. މީގެ އިތުރުން އެމީހާގެ އިސްތަށިގަނޑުގައި ހިފާ ދަމާ މޫނު މަތީގައި ވެސް ތަޅައެވެ.

ފުލުހުން މީހަކަށް އަނިޔާކުރި މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނުން ވެސް އަންނަނީ ބަލަމުންނެވެ. އެ ކޮމިޝަނުން ބުނެފައިވަނީ ރޭގެ ހާދިސާގެ ޝަކުވާ އެކޮމިޝަނަށް ހުށަހެޅުމުން ރެޕިޑް ރެސްޕޯންސް ޓީމުން އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވެސް ވަނީ ފުލުހުން އަނިޔާކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަމަށް ވިދާޅުވެފައެވެ.