ޗައިނާއަކީ އިގްތިސާދީ ގޮތުން ވަރުގަދަ ގައުމެއް ކަމަށް ވިޔަސް އެ ގައުމުގެ އަސްކަރިއްޔާއެއް ރާއްޖޭގައި ނެތް ކަމަށް ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޗީފް ޝަމާލް މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، އެ ގައުމުގެ މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޗައިނާއަކީ އިގްތިސާދީ ގޮތުން ވަރަށް ވަރުގަދަ ގައުމެއް ކަމަށާއި ޗައިނާ އަކީ ދުނިޔޭގެ އެކިއެކި ގައުމުތަކަށް އެހީތެރި ވަމުން ގެންދާ ގައުމެއް ކަމަށެވެ. އެގޮތުން އިންޑިއާ އާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ގުޅުން ގާއިމު ކޮށްފައި އޮންނަ ގޮތަށް ރާއްޖެ އާއި ސްރީލަންކާ އިން ވެސް ޗައިނާއާ އެކު އޮންނަނީ ވިޔަފާރީގެ ގުޅުން ކަމަށެވެ.

ޗީފް ޝަމާލް ވިދާޅުވީ ރާއްޖެ އޮތީ ބޭރުގެ އެކިއެކި ގައުމުތަކަށް ބަރޯސާވެފައި ކަމަށާ، އެކިއެކި ގައުމުތަކަށް ބަރޯސާވުމަކީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ކަމަށެވެ. ނަމަވެސް، ގައުމަށް ދިމާވެދާނެ ނުރައްކާތެރި ކަމަކުން ސަލާމަތް ވުމުގައި އެކި ގައުމުތަކުގެ އެހީ ހޯދުން މުހިންމު ކަން ޝަމާލް ފާހަގަ ކުރެއްވިއެވެ. އެގޮތުން، ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވުމަކީ ވެސް ބޭރު ގައުމުގެ އެހީ ހޯދަން ޖެހޭ ކަމެއް ކަމަށް ޝަމާލް ވިދާޅުވިއެވެ.

ޗައިނާގެ އަސްކަރީ ބޭސްއެއް ރާއްޖޭގައި ހަދަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޝަމާލް ވިދާޅުވީ، ރާއްޖެ އިން އެކި ކަންކަމުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާ، ވަކިވެ ގަނެގެން ތިބުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ޗައިނާގެ އަސްކަރީ ބޭސްއެއް ރާއްޖޭގައި ހަދާ ވާހަކަ ޝަމާލް ދޮގު ކުރައްވާފައެއް ނުވެއެވެ.

އަދި އުތުރު ތިލަފަޅު އިންޑިއާގެ ސިފައިންގެ އަސްކަރީ މަރުކަޒެއް ހަދަން ދޭން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވާތީ އެ ތުހުމަތުތައް ދޮގު ކުރައްވައި އޭނާ ވިދާޅުވީ ގެންގުޅުއްވަނީ، އެ ތަނުން ބައެއްގައި ކޯސްޓް ގާޑުގެ އުޅަނދުތައް އަޅާފައި ބޭއްވުމަށާއި މެއިންޓަނަންސް މަސައްކަތް ކުރެވޭ ގޮތަށް ހެދުމުގެ ވިސްނުން ކަމަށެވެ.

ޝަމާލް އިތުރަށް ވިދާޅުވީ ސްރީލަންކާގައި މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލަތަކާ ގުޅިގެން ރާއްޖޭގެ ރިސޯޓުތައް ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަމުގައި ފުލުހުން ބޮޑު ދައުރެއް އަދާ ކުރަމުން އަންނަ ކަމަށެވެ.

ޗީފް ޝަމާލް އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރަކީ، އިންޑިއާގެ ޗެއާމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ދައުވަތަކަށް 5 ދުވަހުގެ މުއްދަތަށް ކުރައްވަމުން ގެންދަވާ ދަތުރެކެވެ. އެގޮތުން، މި ދަތުރުގައި އޭނާ ވަނީ އިންޑިއާގެ އިންސްޓިޓިއުޓް ފޯ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސް (އައިޑީއެސްއޭ) ގައި އިއްޔެ ތަގުރީރު ކުރައްވާފައެވެ. ޝަމާލް ތަގުރީރު ކުރެއްވީ ކުދި ގައުމުތަކުގެ ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާ ގުޅޭ މައުލޫއަށެވެ. މި ދަތުރުގައި ޗީފް އޮފް ޑިފެންސް ފޯސް އަރިހުގައި އައިޑީއެސްއޭގެ ޑައިރެކްޓާ ޖެނެރަލް ސުޖާން އާރު ޗިނޯއީގެ އިތުރުން އެމްއެންޑީއެފް ސާވިސް ކޯގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ހާމިދު ސަފީގު އާއި ޕްލޭނިން އެންޑް ޕޮލިސީ އެންޑްް ރިޝޯސް މެނޭޖްމެންޓް (J5/J8) ގެ ޑައިރެކްޓާ މޭޖާ ހަސަން އާމިރު ބައިވެރި ވެވަޑައިގެންނެވިއެވެ.