ރޭ މީހަކު ހައްޔަރު ކުރަން ގޮސް ފުލުހުންތަކެއް އެމީހާއަށް އަނިޔާކުރި މަައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބަލަން ފަށައިފިއެވެ.

މިކަން ހިނގާފައިވަނީ ރޭގެ ވަގުތެއްގައި މާލޭގެ ގެއެެއްގައެވެ. އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ ގެއެއްގެ ތެރޭގައި މީހަކު ހައްޔަރު ކުރުމަށް ކުލަ ހެދުމުގައި ތިބި ފުލުހުން ތަކެއް މަސައްކަތް ކުރާ އިރު އެމީހާއަށް އަނިޔާ ކުރާ ތަނެވެ. ފުލުހުންގެ ތެރެއިން އެކަކު އެމީހާގެ އަތުގައި ގާބުރިއަކުން ތަޅާ އިރު، އަތުންނާއި ފައިންވެސް އެމީހާ ގައިގައި ތަޅާތަން ފެނެއެވެ. މީގެ އިތުރުން އެމީހާގެ އިސްތަށިގަނޑުގައި ހިފާ ދަމާ މޫނު މަތީގައި ވެސް ތަޅައެވެ.

އެޗްއާރުސީއެމުން ބުނީ އެ ކޮމިޝަންގެ ރެޕިޑް ރެސްޕޯންސް ޓީމުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލަ ބަލަމުން ދަނީ ޓޯޗާގެ އަމަލެއްގެ ގޮތުގައި ކަމަށާއި، މި މައްސަލަ އެ ކޮމިޝަނަށް ހުށަހެޅުނީ ރޭގައި ކަމަށެވެ.

ފުލުހުންތަކެއް މީހަކަށް އަނިޔާ ކުރި މައްސަލައިގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ އެ ވީޑިއޯގައި ހަރަކަތްތެރިވާ ފުލުހުން ސަސްޕެންޑް ކުރައްވާނެ ކަމަށެވެ. ނަމަވެސް އެކަމުގައި ހަރަކާތްތެރިވި ފުލުހުން ސަސްޕެންޑު ކުރިކަން އަދި ވަނީ ޔަގީން ނުކުރެވިއެވެ.

"ކޯޓު އަމުރަކާއެކު މާފަންނުގެ ގެއެއް ބަލާ ފާސް ކުރުމުގައި ކުލަ ހެދުމުގައި ހަރަކާތްތެރިވި ފުލުހުން ތަކެއް މީހަކަށް އަނިޔާ ކުރާ ވީޑިއޯ ބަލައިފިން، މިކަން ބަލައެއް ނުގަނެވޭ، އެންމެން ސަސްޕެންޑް ކުރާނަން"
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު

މި މައްސަލަ ބަލައިދިނުމަށް އެދި ކޮމިޝަނަރު ވަނީ އެޗްއާރުސީއެމްގައި ވެސް އެދިވަޑައިގެންފައެވެެ.

"އެ ކަމުގައި އުޅުނު ފުލުހުންގެ ނަންތައް ކޮމިޝަނަށް ދީފިން. ފުލުހުންގެ ތެރޭގައި އޮތް އަނިޔާ ކުރުމުގެ ސަގާފަތް ނެތި ދާން ޖެހޭ"
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު

މައުލޫމާތު ލިބިފައި ގޮތުގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރަމުން ގެންދިޔައީ މ. އުޖާލާ ގެއެވެ. ފުލުހުން އެގެ ބަލާ ފާސް ކުރުމުގައި ހަރަކާތްތެރިވަމުން މީހަކަށް އަނިޔާ ކުރާ ވީޑިއޯ ނަގާފައި ވަނީ އެތާ ކައިރި ގެއެއްގައި ތިބި ބަޔަކު ކަމަށް ބެލެވެއެވެ. އަދި އެވީޑިއޯ ސޯޝަލްމީޑިއާގައި އާންމުވެ ފުލުހުންގެ ޕްރޮފެޝަނަލިޒަމް އާ ދޭތެރޭ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ފުލުހުން ބުނީ އެ ގެއަށް ފުލުހުން ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރާ ކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ކަމަށެވެ.