ހދ. ކުޅުދުއްފުށި ފިހާރައެއް ފަޅާލައި، 3940 ރުފިޔާ ނެގި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގީ މިއަދު މެންދުރު 14:30 ހާއިރު ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން، ހިންގި ތަހުގީގުން ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށް، އެމީހާ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 3940 ރުފިޔާ ހޯދައިފާވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާއާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 27 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނާއިރު، ފުލުހުން ދަނީ މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ވައްކަމުގެ މައްސަލަތައް ދަނީ ދުވަހެއް ދުވަހަކަށް ގިނަ ވަމުންނެވެ. އެގޮތުން، މިދިޔަ ހޯމަ ދުވަހު، ނުވަ މީހުން ވެގެން، ފ. މަގޫދޫ ކައުންސިލް އިދާރާ ބަލަހައްޓަން ހުރި ސެކިއުރިޓީ ގާޑު ބަނުމަށް ފަހު އެ އިދާރާގައި ހުރި ތިޖޫރީ ފަޅާލައި، އޭގައި ހުރި ފައިސާ ވަގަށް ނަގާފައިވެއެވެ. ފުލުހުން ވަނީ މި މައްސަލާގައި ނުވަ މީހަކު ހައްޔަރު ކޮށްފައެވެ. މި މީހުން ހައްޔަރުކުރީ ޑިންގީ އަކާއި، ދޯންޏެއްގައި ފިލަން އުޅެނިކޮށް މަގޫދޫ ކައިރި ކަނޑުގެ ސަރަހައްދުންނެވެ.

މީގެ އިތުރުން، ބައެއް ރަށްތަކުގައި ރައްޔިތުން ނިކުމެ، ވައްކަން ކުރާ މީހުން ގަން ހިންގުވާ، މި މީހުން ފުލުހުންނާ ހަވާލު ކުރުން ފަދަ ކަންތައްތައް ދަނީ ކުރަމުންނެވެ. އެގޮތުން، މިދިޔަ ހަފްތާގައި ހދ. ހަނިމާދޫގައި ވައްކަން ކުރި މީހަކު ގަޔަށް ކަޅޮތެޔޮ ޖަހާ މަގުމަތީ ހިންގުވުމަށް ފަހު ފުލުހުންނާ ހަވާލުކޮށްފައި ވެއެވެ.