ބާ ކައުންސިލްގެ މެންބަރު ކަމަށް 19 ވަކީލަކު ކުރިމަތިލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ، ބާ ކައުންސިލަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް 19 ވަކީލަކު ކުރިމަތިލައިފައިވާ ކަމަށެވެ. އަދި ރައީސް ކަމުގެ މަގާމަށް ކުރިމަތިލައިފައިވަނީ ދެ މީހަކު ކަމަށާއި، ނައިބު ރައީސް ކަމުގެ މަގާމަށް ވެސް ދެ މީހަކު ކުރިމަތިލައިފައިވާ ކަމަށް އީސީން ބުނެއެވެ.

ބާ ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި މައުމޫން ހަމީދު ކުރިމަތިލެއްވިއިރު، ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.

މިމަހު 13 ވަނަ ދުވަހު ބާއްވާ މި ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ، ރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮންނަ 1600 ވަކީލަކަށެވެ. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިބޭނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެންބަރެކެވެ.

މިއީ ރާއްޖޭގައި ބާ ކައުންސިލެއް އުފައްދާ ފުރަތަމަ ފަހަރެވެ.