ކ. ފޭދޫފިނޮޅު ކައިރީ އޮތް ބާޖަކަށް ދިޔަ ވާތީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފޭދޫފިނޮޅު ކައިރީ ބަނދަރުކޮށްފައި އޮތް "މެރިން ޕަވާ 2318" ނަމަކަށް ކިޔާ ބާޖަކަށް ދިޔަ ވަމުން އަންނަ ކަމަށާއި، މި ހާދިސާގެ ރިޕޯޓު މިއަދު ހެނދުނު 10:16 ހާއިރު އެމްއެންޑީއެފަށް ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޓީމެއް ޑައިވަރުންނާއެކު ވަނީ އެސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާގައި ބާޖަށް ދިޔަވެފައިވަނީ ބާޖުގެ ބަލާސްޓް ޓޭންކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބާޖުގެ ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ބާޖުގައި ހެދިފައިވާ ދިޔަގަނޑު ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވަމުންދާއިރު ޑައިވަރުން އަންނަނީ ބާޖުގެ އެއްވެސް ދިމާލެއް ފަޅައިގެން ގޮސްފައިވޭތޯ ބަލަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި މި ބާޖަކީ މިއަދު ހެނދުނު އިންޑިއާގެ ޓުޓިކޮރިންއިން ފުރައިގެން މާލެ ދަތުރުކުރި ބާޖެއް ކަމަށާއި، މި ބާޖުގައި 10 ބިދޭސީން ތިބި އިރު އެއްވެސް މުދަލެއް ނެތް ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެސް ލިބިފައެއް ނުވެއެވެ.