ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ޗެއާމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ.
އިންޑިއާގެ އަސްކަރިއްޔާގެ ދައުވަތަކަށް އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ތަރައްގީކޮށް ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.
ވަކިވަކިން ބޭއްވި މި ބައްދަލުކުރެއްވުންތަކުގައި އިންޑިއާގެ ޗީފް އޮފް ސްޓާފް ކޮމެޓީގެ ޗެއާމަންއާއި ޗީފް އޮފް އެއާ ސްޓާފްއާއި ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ނޭވަލް ސްޓާފް އާއި ވަނީ ބައްދަލުކުރައްވާފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖް (އެންޑީއައި) އާއި، އިންޑިއާގެ އިންސްޓިޓިއުޓް ފޯ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސް (އައިޑީއެސްއޭ) އަށް ޒިޔާރަތްކުރައްވައި، ލެކްޗާއެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުކުރެއްވުންތަކުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި އެމްއެންޑީއެފް ސާވިސް ކޯގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ހާމިދު ސަފީގު ބައިވެރިވެ ވަޑައިގެންނެވިއެވެ.