އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީއަށް ފިލައިގެން އުޅުމަށް އެހީވެދިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ޝައިމް ފިލައިގެން އުޅުމަށް އެހީވި ދެމީހަކު ހައްޔަރު ކުރައްވައިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް އެމީހުން ހައްޔަރު ކުރީ ކޮންތަނަކުން، ކޮންއިރަކު ކަމެއް އަދި މި ދެމީހުންގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޝައިމް ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އޭނާ ގެއްލިގެން ހޯދާތާ 13 ވަނައަށް ވީ ދުވަހު ފުލުހުން ވަނީ، އޭނާ ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެގޮތުން ފުލުހުން ބުނީ، މިދިޔަ ހޯމަ ދުވަހު މާލޭ ގެއަކަށް ގަދަބާރުން ވަދެ، ފުލުހުންގެ ބެލުމުގެ ދަށަށް ޝައިމް ގެންގޮސްފައިވާ ކަމަށެވެ.

ޝައިމް އަކީ 2009 ވަނަ އަހަރުން ފެށިގެން ޖެންޑާ މިނިސްޓްރީ އަށް އޭނާގެ އެކި މައްސަލަތައް ހުށަހެޅެމުންދާ ކުއްޖެކެވެ. އެގޮތުން، ދެފަހަރެއްގެ މަތިން ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ޝައިމް ގެންގުޅެފައި ވާއިރު، ހުސްވި މަހުގެ ތިން ވަނަ ދުވަހު އޭނާ ކުޑަކުދިންގެ ހިޔާއަށް ގެންދިޔައީ އޭނާ ކުށުގެ ވެހީގައި އުޅެމުން ދަނިކޮށެވެ. ނަމަވެސް، ޝައިމްގެ މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ، މިދިޔަ މަހުގެ 18 ވަނަ ދުވަހު އޭނާ ކުޑަކުދިންގެ ހިޔާއިން ފިލައިގެން ދިއުމާއި ގުޅިގެން އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދުމާއި ގުޅިގެންނެވެ.

ޝައިމްގެ މައްސަލައިގެ ތަފްސީލު ހާމަ ކުރެއްވުމާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް މީހުންގެ ފާޑުކިއުން އަމާޒުވެފައި ވާއިރު، އޭނާގެ މައްސަލަ ދަނީ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަދި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ވެސް ބަލަމުންނެވެ.