ޕެރަލައިޒްވެ، އަތާ އަތްތިލައިން ވާގި ގޮސްފައިވާ މީހުންގެ ނާރުތައް އަލުން ގުޅުވައިގެން، ހަރަކާތް ކުރެވޭ ވަރު ކުރެވިފައިވާކަމަށް އޮސްޓްރޭލިއާގެ ޑޮކްޓަރުން ބުނެފިއެވެ.

މި ސާޖަރީ ހެދި ޕޭޝަންޓުންނަކީ މިހާރު އަމިއްލަ އަތުން ކައި އުޅެވޭ ވަރުވެފައިވާ މީހުންނެވެ. މޭކަޕް ކުރުމާ، ތަޅުތަނޑިން ތަޅު ހުޅުވުމާ، ފައިސާ ގެންގުޅުމުގެ އިތުރުން ކޮމްޕިއުޓަރުގައި ޓައިޕްކުރުން ފަދަ ކަންކަން ކުރުމުގެ ގާބިލުކަން މިމީހުންނަށް މިހާރު ވަނީ ލިބިފައެވެ.

މި ސާޖަރީ ހެދި އެކަކީ ބްރިޒްބަންއަށް ނިސްބަތްވާ، އުމުރުން 36 އަހަރުގެ ޕޯލް ރޮބިންސަންއެވެ. އޭނާ ބުނާ ގޮތުގައި، މި ސާޖަރީ ވެފައިވަނީ، އޭނާ އުއްމީދު ނުކުރާ ވަރުގެ މިނިވަންކަމެއް އޭނާއަށް ލިއްބައިދިން އޮޕަރޭޝަނަކަށެވެ.

އާންމު މީހަކާ އެއްވަރަށް އަތުގެ ހަރަކާތްތައް ނުކުރެވުނުކަމުގައި ވީ ނަމަވެސް، މިއީ ގިނަ ބައެއްގެ ދިރިއުޅުން ބަދަލުކޮށްލާނެ އުއްމީދީ ކުރިއެރުމެއްކަން ޑޮކްޓަރުން ފާހަގަކުރެއެވެ.

ތަހުލީލީ މަރުހާލާގައި މި ސާޖަރީ ހެދި މީހުންނަކީ ހަތަރެސްފައިން ވާގި ނެތިފައި ތިބި މީހުންނެވެ. ސްޕައިނަލް ކޯޑާ ގުޅޭ މުހިންމު ނާރުތަކެއް އަލުން "ވަޔަރު"ކޮށްގެން ހެދި މި ސާޖާރީއަކީ މަސައްކަތްކުރާ ނާރުތައް ބަދަލުކޮށްގެން ހެދި ސާޖަރީއެކެވެ. މިސާލަށް މީގެ ކުރިން އަތުގެ ބަނޑުފުށް އުއްޑުން ޖެހުމަށް ބޭނުންކުރި ނާރު މިހާރު ރީވަޔާ ކޮށްފައިވާ ގޮތުން، އެކަން ކުރަން އެމީހާ އުޅުމުން އަތުގެ ހުރިހާ އިނގިލިތަކެއް ހުޅުވޭނީއެވެ.

ޕޯލް ރޮބިންސަންއަކީ 2015 ވަނަ އަހަރުގެ ފެބުރުވަރީ މަހު ހިނގި އެކްސިޑެންޓެއްގައި ސްޕައިނަލް ކޯޑަށް އަނިޔާވެ، ވާގިނެތުނު ޒުވާނެކެވެ. ޕޯލް ރޮބިންސަން ބުނާ ގޮތުގައި ނާރުތައް ރީވަޔާ ކުރުމަށް ހެދި ސާޖަރީއަކީ އޭނާއަށް ތަހައްމަލުކުރަންޖެހުނު އެންމެ ބޮޑު ވޭނެވެ. ނަމަވެސް، އެ ސާޖަރީއަކާއެކު އޭނާއަށް ބޮޑު މިނިވަންކަމެއް ވަނީ ލިބިފައެވެ.

އެކްސިޑެންޓާ ގުޅިގެން މައިންބަފައިންގެ ގާތަށް ދިރިއުޅުން ބަދަލުކުރި ޕޯލް ރޮބިންސަން މިހާރުވަނީ އޭނާގެ އަމިއްލަ އެޕާޓްމަންޓަކަށްވެސް ބަދަލުވެފައެވެ. މީގެ އިތުރުން އޭނާ ދަނީ ފުރޮޅުލީ ގޮނޑީގައި އިނދެގެން ރަގްބީވެސް ކުޅެމުންނެވެ. ހަމަ މިއާއެކު އޭނާ ދަނީ އިންޖިނީއަރިންގްގެ ރޮނގުން މަތީ ތައުލީމުވެސް ހާސިލުކުރަމުންނެވެ. ޕޯލް ރޮބިންސަން ބުނާ ގޮތުގައި މިހާރު އޭނާއަށް ލިބިފައިވާ މިނިވަންކަމަކީ، އެކްސިޑެންޓަށްފަހު އޭނާ އުއްމީދުވެސް ކުރި ކަމެއް ނޫނެވެ.

މި ސާޖަރީ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރު ވެން ޒީލް ބުނާ ގޮތުގައި މި ސާޖަރީ ހަދާ މީހުންނަކީ އެމީހުންގެ ފަދައިން ހުރިހާ ކަމެއް ކުރެވޭނެ ބައެއް ނޫނެވެ. ނަމަވެސް ސާޖަރީގެ އަމާޒަކީ ޒަރޫރީ ބޭނުންތައް ފުދޭ ވަރުކޮށްދިނުންކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މި ސާޖަރީ ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވަނީ ސްޕައިނަލް ކޯޑަށް އަނިޔާ ލިބޭތާ 6 މަހާ 12 މަސްދުވަހުގެ ތެރޭގައި އޮޕަރޭޝަން ކުރެވިއްޖެނަމައެވެ.